އެމްއެމްޕީއާރުސީ މައްސަލާގައި ނުފޫޒު ފޯރުވާތީ ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ސިޓީ އެއް ރައީސް އަށް

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލޭނެ ފަދަ މާހައުލެއް ގާއިމް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސެކިއުޓަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވައިފި އެވެ.

ދައުލަތުގެ ޕްރޮސެކިއުޓަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ސިޓީ ގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް ހަތް ވަނަ ދުވަހުން ފެށިގެން އެމައްސަލައިގައި ޕީޖީ އޮފީހުން ބަލަން ޖެހޭ ކަންކަން ބަލައި ދޭންޖެހޭ އިރުޝަދުދީ މައްސަލައިގައި ކުރިއަށް ދިއުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޕްރޮސެކިއުޓަރުން ކުރި މަސައްކަތްތަކުގެ ނަތީޖާ ހާސިލުވިޔަނުދިނުމަށްޓަކާ އެކި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާކަމަށް އެސިޓީގައި ބުނެފައިވެއެވެ.

އެސިޓީގައި ބުނެފައިވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން މައްސަލަ ކުރިއަށްދާއިރު އަދިވެސް މައްސަލަ ބަލަން އެކަށީގެންވާ ވަސީލަތްތަކާއި އެކަށީގެންވާ މާހައުލެއް ގާއިމްވެފައި ނެތުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަން ކަން ވެސް ސިޓީގައި ބަޔާންކޮށްފައި ވެއެވެ. 

މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ތަޖުރިބާ ހުރި ފޮރެންސިކް އެކައުންޓެންޓުންނާއި ޑިޖިޓަލް އެވިޑަންސް އެނަލިސްޓުން ހޯދުމާއި، މައްސަލަ ތަހުގީގުކުރުމަށް އިތުރު އިންވެސްޓިގޭޓަރުން ބައިވެރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި މިފަދަ މައްސަލަތައް ތަހުގީގުކޮށް، އެސެޓް ރިކަވާ ކުރުމުގެ ތަޖުރިބާ ހުރި ބޭރުގެ އިންވެސްޓިގޭޓަރަކު ތަހުގީގަށް ހޯދުމާއި ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ބެލެވޭއިރު، މިކަން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް، ފައިސާ ގޮސްފައިވާ ކަމަށް ބެލެވޭ ގައުމުތަކާއެކު ގާއިމުކުރުން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުންވެސް ގާނޫނުތަކުގެ ހަގީގީ މަގްސަދު ހާސިލުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރެވިފައެއް ނުވާ ކަމަށް ފާހަގަކޮށް މިފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރުމަށްޓަކައި ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ބޭންކިން ނިޒާމުގެ ރިޕޯޓިން މެކޭނިޒަމް ހަރުދަނާކުރުމާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު ހަދައި، ގެޒެޓު ކުރުމާއި ނުޙައްގު މުއްސަނދިކަން ކުށަކަށް ހެދުމަށާއި އެސެޓް ޑިކްލެރޭޝަންގެ ނިޒާމަކީ މިހާރު ހަމައެކަނި ނަމެއްގައި އޮތް ނިޒާމެއްކަންވެސް ފާހަގަ ކޮށްފައިވެއެވެ.

އަދި ސިޔާސީ މަގާމުތަކާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ހުށަހަޅާ މާލީ ބަޔާންތަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، ދައުލަތުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރާއިރު، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުން އައްޔަން ނުކުރުން އަދި އެފަދަ މަގާމުތަކުގައި ތިއްބަވަނިކޮށް، އެކަށީގެންވާ ތުހުމަތު ކުރެވުމުން މަގާމުތަކުން ވަކިކުރުމާއި މިފަދަ ބޮޑެތި ކުށްތައް ސާބިތުވާ މީހުންގެ ހުކުމް ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުން. އެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ފަދަ ގޮތަކަށް ނިޒާމު ބައްޓަންކުރުމުގެ އިތުރުން  އެންޓި ކޮރަޕްޝަންގެ ނިޒާމު ހަރުދަނާކޮށް، މިހާރަށްވުރެ އަވަހަށް މައްސަލަ ތަހުގީގު ކުރެވޭނެ ފަދަ ވަސީލަތްތައް އޭސީސީއަށް ފޯރުކޮށްދިނުމާއި އެ ކޮމިޝަނުގެ ގާނޫނަށާއި ކޮރަޕްޝަންގެ ކުށްތަކާ ގުޅިގެން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ބާރުއަޅައި އިސްކަންދިނުން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

ރައީސް ސޯލިހަށް ޕްރޮސެކިއުޓަރުން ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މައްސަލާގައި އިންސާފުހޯދުމަށް ކުރާ މަސައްކަތުގައި ވަކި ބައެއްގެ ނުފޫޒު ނެތި ކުރިއަށް ދެވޭނެ މަގު ހޯއްދަވައިދެއްވުމަށް އެދޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!