ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް

މާލެއިން ފުރައިގެން އދ.މަންދޫއަށް ދަތުރުކުރި “ރަންތަރި” ދޯނިން ދަތުރުކުރި ޒުވާނާ ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިހާދިސާގައި ހޯދަމުންދަނީ އދ.މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު އެވެ.

އެމްއެންޑީއެފުން ބުނީ އެ ޒުވާނާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން ކުރަމުންދާ މަސައްކަތުގައި ޑައިވްކޮށްގެންނާއި، ކަނޑުގެ ސާފޭސް ބެލުމުގައި އާންމުންގެ އެހީއާއެކު ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ މެންދަމު 02:10 ހާއިރު ކަމަށެވެ. އެގޮތުން ރަށުގެ ނެރުން ދޯނި ވަންއިރުވެސް މީނާ ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރިކުރިއިރު މީނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

އޭނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!