ދަރިފުޅު މިކަންކަން ކުރާނަމަ ހުއްޓުވާ

ޅައުމުރަކީ ހުރިހާ ކަމެއްވެސް ދަސްކުރަމުން ގައިގައި އާދަތައް އަށަގަންނަމުން އަންނަ ދުވަސްވަރެވެ. ކުޑަކުދިން ބޮޑުވަމުން އަންނަ އިރު އެކުދިންނަށް ރަނގާލު ތަރުބިއްޔަތު އުނގަންނައިދީ ރަނގަޅު އާދަތައް އަށަގެންނެވުމަކީ އަހަރެމެން ބޮޑެތި މީހުންގެ ޒިންމާއެކެވެ، އެގޮތުން ކުޑަކުދިން ބައެއް ފަހަރު ކުރާ ކަންކަމަކީ އަޅާނުލައި ދޫކޮށްލާ ވަރަށް ވުރެ ސީރިއަސް ކަންކަމެވެ.

އެކުދިން ބޮޑުވަމުން އަންނައިރު ދަސްކުރާ ހުރިހާ ކަންކަމަކީ ރަނގަޅު ކަންކަމަށްވެސް ނުވެދާނެއެވެ. އެގޮތުން އެކުދިން ކުރާ ކަމެއް ގޯސްވި ނަމަވެސް ފަހުން ބޮޑުވުމުން އެ އާދަަ ފޮހެވޭނެ ކަމަށް ހިތައި މިފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. މިފަދަ ކަންތައްތަކަކީ ގޯސް ކަމެއް ކަން ކުއްޖާއަށް ވަގުތުން ވިސްނައިދޭން ޖެހޭނެ އެވެ.

މިފަދަ ކަންކަން ކުދިން ކުރާނަމަ ހުއްޓުވާށެވެ.

ބޮޑުމީހަކު އެހެން މީހަކާ ވާހަކައެއް ދައްކަން ހުއްޓާ ވާހަކަ މެދުކަނޑާލުން

އެހެން މީހަކާ ވާހަކައެއް ދައްކަން ހުއްޓާ އެ ދޭތެރެ މެދަށް ވަދެ އެ ކުއްޖާ ވާހަކަ ދައްކަން ފެށުމަކީ ރަނގަޅު އާދައެއް ނޫނެވެ. މިފަދައިން ކަންތައް ކުރަން ހުއްދަ ދިނުމަކީ އެހެން މީހުންނާ ދޭތެރޭގައި ވިސްނަން ޖެހޭނެކަން ކުއްޖާއަށް ދަސްކޮށްދިނުމަށް އެޅޭ ހުރަހެކެވެ. މިގޮތަށް ކަންތައް ކުރުމުން އެހެން އެންމެން ވެސް ސަމާލުކަން ދޭން ޖެހޭނީ ހަމައެކަނި ކުއްޖާ ދައްކާ ވާހަކައަށް ކަމަށް ކުއްޖާއަށް އަބަދުވެސް ހީވާނެ އެވެ.

ތޮޅުން

އާންމު ގޮތެއްގައި ކުޑަކުދިން ހެދިބޮޑުވަމުން އަންނަ އިރު ކޮންމެވެސް އުމުރެއްގައި އެހެން ކުދިން ގައިގައި ދަތް އަޅާ ތޮޅެ ކަންތައް ކުރާނެއެވެ. މިއީ އެއްގޮތަކަށްވެސް ދޫކޮށްލަން ވާނެ ވަރު ކަމެއް ނޫނެވެ. އަދި ހާއްސަ ގޮތެއްގައި އުމުރުން 8 އަހަރަށް ވުރެ ބޮޑުކުދިން މިފަދައިން ތޮޅެ ހަދާނަމަ އެއީ އާންމު ކަމެއް ނޫނެވެ. ކުއްޖަކު ކޮއްޕާލުން ނުވަތަ ކުއްޖަކު ގައިގައި ވިކާލުން ފަދަ އެއްވެސް ކަމެއް ކުއްޖާ ކޮށްފި ނަމަ އެއީ ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ ކަންކަމެވެ. މިފަދަ ކަމެއް ކުރާ ވަގުތު ކުއްޖާ އެއް ފަރާތަކަށް ގެންގޮސް، އެ ކުރި ކަންތަކުން އެހެން ކުއްޖަކަށް އަނިޔާއެއް ލިބިއްޖެ ކަމަށާއި ކުއްޖާއަށް މީހަކު އެފަދަ ކަމެއް ކޮށްފި ނަމަ ތަދުވާނެ ނޫންހޭ ބުނެ ވިސްނައިދޭށެވެ. 

ދައްކާ ވާހަކަ އަޑު ނީވޭ ކަމަށް ހެދުން

ތިބާ ވާހަކަ ދައްކާއިރު ދަރިފުޅު އަޑު ނާހާނަމަ މިއީ އެއްވެސް ހާލެއްގައި އަޅާނުލައި ދޫކޮށްލާވަރު ކަމެއް ނޫނެވެ. މިފަދައިން ކަންކަން ވަމުން ދާނަމަ ތިބާ ދައްކާ ވާހަކައެއްގެ އެއްވެސް ގަދަރެއް ކުއްޖާ ނުކުރާނެއެވެ. އެހެންކަމުން ކުއްޖާގެ ސަމާލުކަން ހޯދުމަށް ކުއްޖާ ކައިރިއަށް ގޮސް ކޮނޑުގައި ނަމަވެސް ކޮށްޓާލާފައި އޭނާގެ ނަމުން ގޮވައި އެކަމެއް ކުރަން ކުއްޖާ ކައިރީގައި ބުނާށެވެ. އަބަދުވެސް ކުދިންނާއި ވާހަކަ ދައްކާއިރު އެކުއްޖާ ކައިރިއަށް ގުދުވެ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކަން އާދަކުރާށެވެ.

ބޯހަރުވުން

ކަމެއް ކުރަން ބުނުމުން ތުން ދަމާފައި ރުޅި އައުމާއި ނޫނެކޭ ކިޔާފަ ހަޅޭއް ލެވުން ފަދަ ކަންކަން ކުރާނަމަ އަޅާނުލައި ދޫކޮށްނުލާށެވެ. ކުއްޖާއަށް އެ ކުރެވުނީ ގޯސް ކަމެއް ކަން ވިސްނައިދޭށެވެ. ލޮލަށް ނުވަތަ މޫނަށް ވައްތަރެއް ޖެއްސުމުން ކުއްޖާގެ މޫނު ހުތުރުވާ ކަމާއި އެއީ ހުތުރު ކަންތައްކަން ކުއްޖާއަށް ވިސްނޭ ފަދަ ގޮތަކަށް ބުނެދޭށެވެ. ދެންވެސް އަޑު ނާހާނަމަ ކުއްޖާއާ ވާހަކަ ނުދައްކާ އެތަނުން ދުރަށް ދާށެވެ. އަދި އެގޮތަށް ވާހަކަ ދައްކާ ނަމަ އަޑު ނީވޭނެކަމަށާއި ރީއްޗަށް ވާހަކަ ދައްކަން ތައްޔާރުވުމުން އަޑު އަހާނެ ކަމަށް ބުނާށެވެ.

ކޮންމެ ކުއްޖަކީވެސް މިޒާޖު ތަފާތު ކުއްޖެކެވެ. އެކުދިން ކުރާ ކަންކަން އަބަދު ގޯސް ނުކޮށް ރަނގަޅަށް ވިސްނައިދޭށެވެ. އެންމެ ރަނގަޅު އުކުޅަކީ ދަރިފުޅަކީ އަބަދުވެސް ބަސްއަހާ ކުއްޖެއް ކަމަށް ބުނެ ހައްލާލައިގެން ގެންގުޅުމެވެ. ކުދިންނާއި ދިމާލަށް ހަޑިކުއްޖެކޭ ބަސްނާހާ ކުއްޖެކޭ ދުވަހަކުވެސް ނުބުނާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!