އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ ޕީޖީގެ ވަކީލުން ރައީސްގެ އަރިހަށް

 އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލަ ބެލޭނެ ފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމުކޮށްދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

ހަތަރު ޕްރޮސެކިއުޓަރަކު ސޮއިކޮށް ރައީސް ޞާލިހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ މައްސަލަ 2015 އިން ފެށިގެން ތަހުގީގު ކުރިއަށް ގެންދާއިރު، ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާތަކާ މެދު އާންމުންގެ ގިނަ ބައެއްގެ ސުވާލުތައް އުފެދިފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮގަސްޓް 7، 2019 ގައި ހާއްސަ ޓީމެއް އެކުލަވާލައިގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށާފައިކަން ފާހަގަކޮށް ސިޓީގައި ބުނެފައި ވަނީ ތަޙްޤީޤު ހުއްޓުވުމަށާއި ޝަރީއަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުންގެންދާ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެ މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް މައްސަލަ ބަލަން އެކަށީގެންވާ ވަސީލަތްތަކާއި މާހައުލު ގާއިމްކުރެވިފައި ނެތް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

އެގޮތުން އެފަދަ މާހައުލެއް ގާއިމްކޮށް، މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ޕްރޮސެކިއުޓަރުންގެ ފަރާތުން ވަނީ ފާހަގަކުރައްވައިފަ އެވެ.

 1. މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ތަޖުރިބާ ހުރި ފޮރެންސިކް އެކައުންޓެންޓުންނާއި ޑިޖިޓަލް އެވިޑަންސް އެނަލިސްޓުން ހޯދުން
 2. މި މައްސަލަ ތަހުގީގުކުރުމަށް އިތުރު އިންވެސްޓިގޭޓަރުން ބައިވެރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
 3. މިފަދަ މައްސަލަތައް ތަހުގީގުކޮށް، އެސެޓް ރިކަވާ ކުރުމުގެ ތަޖުރިބާ ހުރި ބޭރުގެ އިންވެސްޓިގޭޓަރަކު ތަހުގީގަށް ހޯދުން
 4. ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ބެލެވޭއިރު، މިކަން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް، ފައިސާ ގޮސްފައިވާ ކަމަށް ބެލެވޭ ގައުމުތަކާއެކު ގާއިމުކުރުން
 5. ގާނޫނުތަކުގެ ހަގީގީ މަގްސަދު ހާސިލުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރެވިފައެއް ނުވޭ. މިފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރުމަށްޓަކައި ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ބޭންކިން ނިޒާމުގެ ރިޕޯޓިން މެކޭނިޒަމް ހަރުދަނާކުރުން
 6. މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު ހަދައި، ގެޒެޓު ކުރުން
 7. ނުޙައްގު މުއްސަނދިކަން ކުށަކަށް ހެދުން.
 8. އެސެޓް ޑިކްލެރޭޝަންގެ ނިޒާމަކީ މިހާރު ހަމައެކަނި ނަމެއްގައި އޮތް ނިޒާމެއް. ސިޔާސީ މަގާމުތަކާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ހުށަހަޅާ މާލީ ބަޔާންތަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން
 9. ދައުލަތުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރާއިރު، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުން އައްޔަން ނުކުރުން އަދި އެފަދަ މަގާމުތަކުގައި ތިއްބަވަނިކޮށް، އެކަށީގެންވާ ތުހުމަތު ކުރެވުމުން މަގާމުތަކުން ވަކިކުރުން.
 10. މިފަދަ ބޮޑެތި ކުށްތައް ސާބިތުވާ މީހުންގެ ހުކުމް ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުން. އެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ފަދަ ގޮތަކަށް ނިޒާމު ބައްޓަންކުރުން
 11. އެންޓި ކޮރަޕްޝަންގެ ނިޒާމު ހަރުދަނާކޮށް، މިހާރަށްވުރެ އަވަހަށް މައްސަލަ ތަހުގީގު ކުރެވޭނެ ފަދަ ވަސީލަތްތައް އޭސީސީއަށް ފޯރުކޮށްދިނުމާއި އެ ކޮމިޝަނުގެ ގާނޫނަށާއި ކޮރަޕްޝަންގެ ކުށްތަކާ ގުޅިގެން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ބާރުއަޅައި އިސްކަންދިނުން.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!