ޒައިތޫނި ތެލުން އެތައް ބޭނުމެއް ހިފޭ!

ޒައިތޫނި ތެޔޮ ނުވަތަ އިނގިރޭސިން ނަމަ “އޮލިވް އޮއިލް” އާއްމުކޮށް ބޭނުންކުރަނީ ކައްކާއިރު އެވެ. ސިއްހަތައް ފައިދާ ހުރި މިތެލަކީ ހަމައެކަނި ކާން ބޭނުންކުރާ ތެލެއް ނޫނެވެ. ހަންގަނޑު އޮމާންކޮށްލަން ނުވަތަ ސާފުކުރަން ވެސް މި ބޭނުން ކުރެވޭނެ އެވެ. މިފަހަރު މި އަލިއަޅުވައިލަނީ އޭގެ ތެރެއިން ބައެއް ކަންކަމަށެވެ.

އިސްތަށިގަނޑަށް

އިސްތަށިގަނޑާއި އިސްތަށިގަނޑުގެ ބުޑުތައް ވަރުގަދަކޮށް”‘ހައިޑްރޭޓް” ކޮށްލަން ޒައިތޫނި ތެޔޮ ފޮދެއް ރަނގަޅަށް އުނގުޅާލާށެވެ.

ކިއުޓިކްލް އޮއިލް

އިނގިލިތަކުގެ ނިޔަފަތީގެ ބުޑުތަކުގައި ހުންނަ ތުނި ހަންކޮޅު ނުވަތަ ކިއުޓިކްލް އަކީ ވަރަށް ފަސޭހައިން ނޮޅި ހަލާކުވާ ބައެކެވެ. ކުޑަ ޒައިތޫނި ތެޔޮ ފޮދެއް އިނގިލިތަކުގަ އާއި އަތުގައި ރަނގަޅަށް އުނގުޅާލުމުން ހަންގަނޑު އޮމާންކޮށްދީ އަތުގެ ހަންގަނޑު ރަނގަޅު ކޮށްދޭނެ އެވެ. ވީމާ އަގުބޮޑު “ހޭންޑް ލޯޝަނެއް” ނުވަތަ އަތުގައި އުނގުޅާ ލޯޝަނަކަށް ހަރަދު ކުރުމުގެ ބަދަލުގައި ޒައިތޫނި ތެޔޮ ގުދުރަތީގޮތުން މޮޅު ތެލަކަށްވެފައި ހަންގަނޑަށް މާ އެކަށީގެންވާނެ އެވެ.

ލިޕް ސްކްރަބެއް ތައްޔާރުކޮށްލާ

ތުންފަތުގެ ހަންގަނޑު މަޑުކޮށްލަން މާމުއި، ޒައިތޫނި ތެޔޮ އަދި ހަކުރު ކޮޅެއް އެއްކޮށްލާފައި ތުންފަތުގައި ސްކްރަބެއް ގޮތަށް ބޭނުންކޮށްލާށެވެ.

މޭކަޕް ރިމޫވާއަކަށް

މޭކަޕް ރިމޫވާ ފުޅި ހުސްވެއްޖެ ނަމަ ޒައިތޫނި ތެޔޮ ފޮދެއް ކަފަ ކޮޅެއްގައި ލުމަށް ފަހު މޭކަޕް ފޮހެލާށެވެ. ޒައިތޫނި ތެލުން “އޮއިލް ބޭސްޑް” ކޮންމެ މޭކަޕް ޕްރޮޑަކްޓެއް ވެސް ފަސޭހައިން ފޮހެލަދޭނެ އެވެ.

މޭކަޕް ފިހިތައް ދޮންނަން

މޭކަޕް ފިހި ދޮންނަން އަގުބޮޑު ޝޭމްޕޫއެއް ބޭނުންކުރުމުގެ ބަދަލުގައި، ޒައިތޫނި ތެޔޮ ފޮދަކާއި ތަށި ދޮންނަ ޑިޓަޖެންޓް ކޮޅެެއް އެއްކޮށްލުމަށް ފަހު މޭކަޕް ފިހިތައް އޭގެ ތެރޭގައި ދޮވެލާށެެވެ. ފިހިތަކުގައި ހުރި މޭކަޕްތައް ފިލުވައިދީ ޒައިތޫނި ތެޔޮ ފިހިތަކުގެ އިސްތަށިތަކުގެ މަޑުކަން ހިފަހައްޓައިދޭނެ އެވެ.

ފުންނާބުގައި އުނގުޅަން

ފައިގެ ފުންނާބު ހިކި ހަންފޮޅި ފަޅައިގެން ގޮސްފައި ހުންނަ ނަމަ އެންމެ އަވަހަށް އެކަން ހައްލު ކޮށްލެވޭނީ ޒައިތޫނި ތެލުންނެވެ. ފެންވަރައިގެން ނުކުތުމަށް ފަހު ލޯޝަންގެ ބަދަލުގައި ޒައިތޫނި ތެޔޮ ފޮދެއް ރަނގަޅަށް ފައިގައި އުނގުޅާލުމަށް ފަހު އިސްޓާކީނެއް ލައްވާލާށެވެ. ފުންނާބުގެ ހަންގަނޑު މަޑުވެފައި އޮމާންވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!