އާ ލަވަޔަށް ލިބުނު ތަރުހީބާއެކު ޝެހެނާޒްގެ ހިތް ފޭނުންނަށް ބަންޑުން ކޮށްލައިފި

ޕަންޖާބްގެ ލަވަކިޔުންތެރިޔާ ޝެހެނާޒް ކޯރް ގިލް ގެ އާ ވީޑިއޯ ލަވައެއް ޔޫޓިއުބަށް ދޫކޮށްލުމާއެކު، ސަޕޯޓަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުން އޭނާ އުފަލުން ފޮޅިއްޖެއެވެ.

އެއާއެކު ޝެހެނާޒް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. ޝެހެނާޒްގެ މެސެޖުގައި އޭނާ ބުނީ، ފޭނުންގެ ފަރާތުން ލިބެމުންދާ ލޯތްބާއެކު އިންތިހާޔަށް އުފާވެރި ހުރި ވާހަކައާއި، އެންމެންދެކެ ވެސް ވަރަށް ލޯބިވާ ކަމަށެވެ. ހަމައެހެންމެ، އެމީހުންގެ ލޯތްބާ ނުލައި މިހާ ހިސާބަށް ނާދެވޭނެ ކަމަށް ބުނެ، ފޭނުން ދީފައިވާ އިއްޒަތާއި ޤަދަރަށް ޝުކުރުވެރިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި އޯޑިއޯ ކްލިޕެއްގައި ބުނީ ލަވައަށް ކޮށްފައިވާ ކޮމެންޓުތައް ކިޔަމުން ދާކަމަށާއި، އެހާ ގިނަ މީހުން ޝެހެނާޒަށް ތަޢުރީފުކޮށްފައިވާތަން ފެނި ހިތް ފުރިއްޖެ ކަމަށެވެ.

ނޭހާ ކައްކަރްގެ ބޭބެ ޓޯނީ ކައްކަރާއެކު ޝެހެނާޒް ފެނިގެންދާ މި ލަވައިގެ ނަމަކީ “ކުރްތާ ޕަޖާމާ” އެވެ. މި ލަވަ ކިޔާފައި ވަނީ ވެސް ޓޯނީ ކައްކަރެވެ. ލަވަ ޔޫޓިއުބަށް ދޫކޮށްލިތާ 12 ގަޑިއިރު ތެރޭގައި ވަނީ 3 މިލިއަން ވިއުސް ހަމަކޮށްފައެވެ.

ޝެހެނާޒް ގިލް، 27، ބޮޑަށް މަޝްހޫރުވެގެން ދިޔައީ ކަލާޒް ޓީވީ އިން ދެއްކި ބިގް ބޮސް 13 ގައި ވާދަކުރުމުންނެވެ. އެގޮތުން އެ ޝޯއަށް ފަހު ގިނަބަޔަކު ޝެހެނާޒް ދަންނަނީ ޕަންޖާބުގެ ކެޓްރީނާ ކައިފްގެ ނަމުންނެވެ. ބިގް ބޮސް އިން ޝެހެނާޒަށް ލިބުނީ ތިން ވަނައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!