ރަންބީރް ކަޕޫރު މީސްމީޑިއާއާ ދުރުގައި އުޅެނީ މި ސަބަބާހެދި

އެހެން ތަރިންނާ ޚިލާފަށް، އެކްޓަރު ރަންބީރް ކަޕޫރަކީ މީސްމީޑިއާއާ ރައްޓެހި ތަރިއެއް ނޫނެވެ. ރަންބީރްގެ ރަސްމީ އެކައުންޓެއް ޓްވިޓާގައި ވެސް އަދި އިންސްޓަގްރާމްގައި ވެސް ނެތެވެ. މިކަމާ ބެހޭގޮތުން ރަންބީރް ވަނީ ކުރީގެ އިންޓަވިއުއެއްގައި ވާހަކަ ދައްކައިފައެވެ.

އެ އިންޓަވިއުގައި ސުވާލަކަށް ޖަވާބުދެމުން 36 އަހަރުގެ އެކްޓަރު ބުނީ، މީސްމީޑިއާގައި ރަސްމީކޮށް ނޫޅުނަސް، ސިއްރު އެކައުންޓުތައް ގެންގުޅޭ ކަމަށެވެ. އަދި އެ އެކައުންޓުތަކުން މީހުންގެ ޙަބަރުތައް ބަލައި ފާރަލާކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، ރަސްމީ އެކައުންޓެއް ނުގެންގުޅެނީ ކީއްވެތޯ އެހުމުން ރަންބީރް ބުނީ، އޭނާ ދެކެނީ މީސްމީޑިއާގައި ހަރަކާތްތެރިވުމަކީ ވެސް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އެވަރުގެ ޒިންމާއެއް ނަގަން ތައްޔާރު ނޫން ކަމަށާއި، އެއަށްވުރެ މާ ކަންނެތް ކަމަށް ބުންޏެވެ. “މިސާލަކަށް ޓްވިޓާގަ އުޅެންޏާ ޖެހޭނެ އެވެނި ތަރިއެއްގެ އުފަންދުވަސް އަންނައިރަށް ތަހުނިޔާ ކިޔައި، ޙާއްސަ މުނާސަބާތެއް އަންނަ އިރަށް ތަހުނިޔާ ކިޔައި މިކަންކަން ކުރަން. މިއީ އަހަންނަށް ވާވަރުގެ ކަމެއް ނޫން”، ރަންބީރް ހާމަކުރިއެވެ.

ރަންބީރް ބުނިގޮތުގައި، ފިލްމުތަކުގެ ޝޫޓިން ތަކުގައި މިހާރުވެސް ގިނަ ވަގުތުތައް ހޭދަކުރަންޖެހެއެވެ. އަދި މީސްމީޑިއާ ޕްލެޓްފޯމްތަކަކީވެސް ހަމަ އެހާ ބުރަކޮށް އުޅެން ޖެހޭތަނެއްގެ ގޮތުގައި ސިފަކުރަމުން ބުނީ އެކަމަށް ވަގުތު ދެވެން ނެތް ކަމަށެވެ.

ރަންބީރް ކަޕޫރުގެ ކުރިއަށް އޮތް ފިލްމަކީ އާލިއާ ބަޓް އަދި އަމީތާބް ބައްޗަންއާއެކު ކުޅެފައިވާ “ބްރަމްރަސްތުރާ” އެވެ. މިވަގުތު ރަންބީރް ހުރީ ކޮވިޑް-19 ގެ ސަބަބުން ގޭގައި ކަރަންޓީން ވެގެން ކަމަށް ޙަބަރުތައް ބުނެއެވެ. އަދި އޭނައާއެކު ލޯބިވެރިޔާ އާލިއާ ބަޓް ވެސް އެގޭގައި އުޅެމުންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!