ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން، ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 22:00އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައި ވަނީ މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިން 2ފޫޓާއި 5 ފޫޓަށް އުފުލޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައި ވެއެވެ. އަދި ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެއްވޭ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!