ވަގުފާރީގެ ސަބަބުން ފެތުރޭ ފާހިޝް އަމަލުތަކުން މުޖުތަމައު ވީރާނާކޮށްލަފާނެ: ހުތުބާ

ވަގުފާރީގެ ސަބަބުން ފެތުރޭ ފާހިޝް އަމަލުތަކުން މުޖުތަމައު ވީރާނާކޮށްލަފާނެ ކަމުގެ އިންޒާރު ހުކުރު ހުތުބާގައި ދީފިއެވެ.

“އިންސާނީ ވަގުފާރި- ޒަމާނީ އަޅުވެރިކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމީ އަހުލާގިއްޔާތާއި އިންސާނީ ކަރާމާތް މަނާކުރާ ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ހިމެނޭ ކަމަށާއި އޭގެ ތެރޭގައި އިންސާނުން ވަގަށް ނެގުމާއި އަޅުންގެ ގޮތުގައި މިނިވަން އިންސާނުން ލައްވާ މަސައްކަތް ކުރުވުން ހިމެނޭ ކަމަށެވެ. އަދި ހަށި ވިއްކުމުގެ ހަރާމް ވިޔަފާރި އާއި ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުމާއި މީހުން ލައްވައި މަސައްކަތް ކުރުވުމަށްފަހު އެމީހުންނަށް ދޭންޖެހޭ އުޖޫރަ ނުދިނުން ފަދަ ލާއިންސާނީ އަމަލުތައް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

އިންސާނީ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދު އިޖްތިމާއީ ބޮޑެތި މުސީބާތްތައް ކުރިމަތިވެފައިވާކަމަށް ހުތުބާގައިވެ އެވެ. ރަނގަޅު މުސާރަ ދޭނެކަމަށްބުނެ ހައްލައިގައި އެތައްލައްކަ މީހުން އެމީހުންގެ ޤައުމުދޫކޮށް އެހެން ޤައުމުތަކަށް ފޮނުވަނީ އޮޅުވާލުމުގެ ތެރޭގައިކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ތަފާތު އެކި ބޭނުންތަކަށް ރާއްޖެއިން ބޭރުން މީހުން ގެނެސް އެމީސްމީހުން ލައްވާ މަސައްކަތް ކުރުވާއިރު އިންސާނީ ހައްޤުތަކުގެ މަތިން ހަދާންކުރަންޖެހޭކަމަށެވެ. އެގޮތުން އެމީހުނަށް ކާންބޯން ދިނުމާއި، ނިދުމާއި، ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދޭންޖެހޭނެ ކަމަށެވެ. އަދި އެމީހުނަށް މުސާރަ ދިނުމަކީވެސް އެމީހަކު ގެނައިބަޔެއްގެ ޒިންމާއެއް ކަމަށް ވެސް ހުތުބާގައިވެ އެވެ. 

ރާއްޖޭގައި ތަފާތު މަސައްކަތް ކުރުވުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންނާ މެދު އިހުމާލުވެ އެމީހުންގެ ހައްގުތައް ނުދޭނަމަ އެ ހައްގުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ހައްގުތައް ހޯދަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

ހުތުބާގައި ފާހަގަކޮށްފައިވަނީ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާއިރު ހަމަނުޖެހުން ހިންގައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!