ގޭތެރެ މިހެން އޮންނަންޏާ މުޑުދާރު ކަމަށް ދައްކާނެ!

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު އުޅޭތަނެއް ސާފުތާހިރުކޮށް، ރީތިކޮށް ބޭއްވުމަށެވެ. ނޫންނަމަ ތަފާތު ރޯގަތަކަށް މަގުފަހިވެ، ގެއަށް ޒިޔާރަތް ކުރާ މީހުންގެ ކުރިމަތީގައި އަގު ވެއްޓުން ވެސް އެކަށީގެންވެއެވެ. އަނެއްކޮޅުން، ތަރުތީބު ގެއްލިފައިވާ ތަނެއްގައި އުޅެން ބައެއް މީހުންނަށް ފަސޭހައެއްވެސް ނޫނެވެ.

ސާފުތާހިރުކަމަށް ކިތައްމެ ސަމާލުކަން ދޭ މީހަކަށްވިޔަސް، ބައެއް ފަހަރު ފަރުވާކުޑަ ކޮށްލެވޭ ކަމެއްގެ ސަބަބުން، ގޭތެރޭގެ ތަރުތީބުކަމަށް ބުރޫ އަރާތަން އާދެއެވެ. މިފަހަރަ މި ފާހަގަކޮށްލަނީ، ގޭތެރެ މުޑުދާރުކަމަށް ދައްކާ ބައެއް ސިފަތަކަށެވެ.

1. ބަދިގެ ސިންކު ކައިރީގައި ސާމާނު ގިނަވުން

ކައްކައި ނިންމައިގެން، ނުވަތަ ކެއުމަށްފަހު ހަޑިވެފައި ހުންނަ ތެލިތަކާއި ތަށިތައް ދޮވުމަކީ ވަރަށް ގިނަ މީހުން ކުރަން ފޫހިވާ ކަމެކެވެ. އެހެންކަމުން، ފަހުން ދޮންނާނީއޭ ހިތައި ފަރުވާކުޑަ ކޮށްލެވެއެވެ. މިހެންގޮސް، ސިންކު ތެރެއާއި ސިންކުގެ ކައިރީގައި ހުންނަ ސާމާނުތައް ފުނިޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، ފެންނަ މީހަކަށް ހީވާނީ ބަދިގެތެރެ އެއްގޮތަކަށްވެސް ސާފުނުކުރަނީ ހެނެވެ. އެހެންކަމުން، މިކަން މިގޮތަށް ވިޔަ ނުދިނުމަށްޓަކައި، އެއިރެއްގައި ކުރަން އޮންނަ ކަމެއް ވަގުތުން ވަގުތަށް ނިންމައިލުމަށް ސަމާލުކަން ދޭށެވެ. އެއްގޮތަކަށްވެސް ފަހުން ދޮންނަން ތަށިތައް ނުބަހައްޓާށެވެ.

2. ހަޑިވެފައި ހުންނަ މޮޕު

ގޭތެރެ ސާފުކުރަން ގެންގުޅޭ މޮޕަކީ ވަރަށް އަވަހަށް މިލަވެ، ކުލަ ބަދަލުވާ އެއްޗެވެ. ޙާއްސަކޮށް، ގޭތެރެ ސާފުކޮށް ނިންމާ ގޮތަށް މޮޕު ނުދޮވެ ހުރިގޮތަށް ބަހައްޓާނަމަ، އޭގެން ނުބައި ވަސް ވެސް ދުވާނެއެވެ. މިގޮތަށް ހުންނަ މޮޕަކީ، ބަލައިލަން ވަރަށް ހަޑި މަންޒަރެކެވެ. އެހެންކަމުން، ގޭތެރޭގައި އުނގުޅުމަށްފަހު އަބަދުވެސް މޮޕު ދޮންނަން ވާނެއެވެ. އަދި މާ ބޮޑަށް ހަޑި ނުވަނީސް މޮޕު ބަދަލުކުރަން ވާނެއެވެ.

3. ކާމޭޒުމަތީގައި އެއްޗެހި ގިނަވުން

އަބަދު ބޭނުންކުރާ އެއްޗެހި، ފަސޭހައިން އަތުޖެހޭ ހިސާބެއްގައި ބެހެއްޓޭތޯ އެންމެންވެސް ބަލާނެއެވެ. ނަމަވެސް، ކާމޭޒުމައްޗަކީ މިގޮތަށް އެއްޗެހި ބަހައްޓަން އެންމެ ރަނގަޅު ތަނެއް ނޫނެވެ. ކާމޭޒު ވާން ޖެހޭނީ، ކެއުމަށް ޙާއްސަ ތަނަކަށެވެ. އަދި ކެއުމަށް ބޭނުންނުވާ އެއްޗެހި އެއްގޮތަކަށް ވެސް މޭޒުމަތީގައި ބަހައްޓައިގެން ނުވާނެއެވެ. ނޫންނަމަ ފެންނާނީ ތަރުތީބު ގެއްލިފައިވާ ގޮތަކަށެވެ.

4. މަތިނުޖަހާ ހުންނަ ދާވަށިގަނޑު

ދާ އަންނައުނު އަޅަން ގެންގުޅޭ ވަށިގަނޑަކީ މަތިނުޖެހޭ ގޮތަށް ހުންނަ އެއްޗެއްނަމަ، އޭގައި އެއްޗެހި ގިނަވުމުން ހުންނާނީ މައްޗަށް އަރައި، ބޭރަށް ފައިބާ ވަރުގައެވެ. އަދި ދާ ހެދުންތަކުން ދުވާ ވަސް ވެސް މުޅި ތާނގައި ހިފާފައި ހުރެދާނެއެވެ. އެހެންކަމުން ގަންނަން ވާނީ މަތިޖެހޭ ގޮތަށް ހުންނަ ވަށިގަނޑެކެވެ. މީގެއިތުރުން، ވަށިގަނޑުގައި އެއްޗެހި ގިނަ ނުވަނީސް ދޮންނަން ވާނެއެވެ.

5. މަތިނުޖަހާ ހުންނަ ކުނިވަށިގަނޑު

ކުނިއަޅަން ގެންގުޅޭ ޑަސްބިން ވެސް ވާން ވާނީ މަތިޖެހޭ އެއްޗަކަށެވެ. ނޫންނަމަ، މުޅި ގޭގައި ހުންނާނީ ކުނި ވަސް ހިފާފައެވެ.

6. ހިރަފުސްވެފައި ހުންނަ ސްވިޗު

ގޭގައި ހުންނަ ސްވިޗުތައް ގިނަދުވަސްވުމުން ހުންނާނީ ހިރަފުސްވެ، ކުލަ ބަދަލުވެފައެވެ. ޙާއްސަކޮށް، ގޭގެ ފާރުތަކުގެ ކުލަ ބަދަލުކުރާއިރު، ސްވިޗުތައް ހަޑި ކަމުން ވަކިން ފެންނަން ހުންނާނެއެވެ. މިކަން މިގޮތަށް ނުވުމަށް، ގޭތެރޭ ފޮޅާ ކޮންމެފަހަރަކު، ސްވިޗުތައް ވެސް ސާފުކުރަން ވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!