އެންމެ ހައްސާސް ވަގުތުގައި އާލިއާ ހިތްހަމަޖައްސައިދެނީ ކޯއްޗެއްކަން އެނގޭތަ؟

ޒުވާން ބަތަލާ އާލިއާ ބަޓް އަށާއި އޭނާގެ އާއިލާއަށް މި ދުވަސްވަރު ކުރިމަތިވަމުން އަންނަ ފާޑުކިޔުމަކީ، ނެޕޮޓިޒަމް އާ ގުޅުވައިގެން ކިޔޭ ފާޑުކިޔުންތަކެވެ. އެގޮތުން، އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ ކުއްލި މަރާއެކު، އޭނާގެ ފޭނުން ބުނަމުން އަންނަނީ، ސުޝާންތު އެފަދަ ބޮޑު ފިޔަވަޅެއް ނަގަންޖެހުނު ސަބަބަކީ އާލިއާމެން ފަދަ ނުފޫޒުގަދަ ތަރިން ސުޝާންތު ބޮލީވުޑުން އެކަހެރިކޮށް، ބާކީކޮށްލުމުން ކަމަށެވެ. މީގެ އިތުރުން، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮތީއާއި އާލިއާގެ ބައްޕަ މަހޭޝް ބަޓް އާ ދެމެދު ގޮތްނޭނގޭ ގުޅުންތަކެއް ވާކަމަށްބުނެ، ސުޝާންތުގެ މަރަކީ މަހޭޝް ރާވައިގެން ކުރި ކަމެއް ކަމަށްބުނެ ވެސް ބައެއް މީހުން އަންނަނީ ޝައްކު އުފައްދަމުންނެވެ.

ކޮންމެއަކަސް، މިފަދަ ހުރިހާ ކަމެއްގެ ސަބަބުން އާލިއާއަށް ކުރިމަތިވެފައިވާ ހައްސާސް ދަނޑިވަޅުގައި، މީހުންގެ ފުރައްސާރައިން ސަލާމަތްވުމުގެ ގޮތުން އޭނާގެ އިންސްޓަގްރާމްގެ ކޮމެންޓް ސެކްޝަން ބަންދުކޮށްފައި އޮތުމަށްފަހު، ދާދި ފަހުން ވަނީ ހުޅުވާލައިފައެވެ. އެއާއެކު، މީގެ ދެދުވަސް ކުރިން އިންސްޓަގްރާމްގައި ހިއްސާކުރި ސެލްފީއަކާއެކު، އާލިއާ ވަނީ ހައްސާސް ވަގުތުތަކުގައި އޭނާގެ ހިތްހަމަޖައްސައިދޭ ފަރާތަކީ ކޮބައިކަން އާއްމުންނަށް ދައްކާލައިފައެވެ.

އާލިއާ ހިއްސާކުރި ފޮޓޯގައި އޭނައާއެކު ވަނީ އޭނާ ގެންގުޅޭ ބުޅަލެވެ. ހުދު ކުލައިގެ ކެހެރި ބޯ މި ބުޅަލާއެކު އާލިއާ ނަގާފައިވާ ސެލްފީ ގިނަބަޔަކު ސިފަކޮށްފައިވަނީ ވަރަށް “ލޯބި” ފޮޓޯއެއްގެ ގޮތުގައެވެ. އަދި މި ޕޯސްޓަށް މިހާރު އެއް މިލިއަނަށްވުރެ ގިނަ ލައިކު ވެސް ލިބިފައިވެއެވެ.

އެ ފޮޓޯގެ ކެޕްޝަންގައި އާލިއާ ލިޔެފައިވަނީ، މިއީ އޭނާއަށް ކުރިމަތިވާ ކޮންމެ “ތޫފާނެއްގައި”، އަމާންކަން ގެނުވަދޭ ފަރާތް ކަމުގައެވެ.

އާލިއާ ބަޓް، 26، ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ކަރަން ޖޯހަރް ގެނެސްދިން “ސްޓޫޑަންޓް އޮފް ދާ އިޔާ” ފިލްމުންނެވެ. އެއަށްފަހު އާލިއާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި “ހައިވޭ”، “ޑިއާ ޒިންދަގީ”، އަދި “ރާޒީ” ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!