ކާތިކް އާރްޔާން އަށް ކަމުދަނީ މި ސިފަތައް ހުންނަ އަންހެން ކުއްޖެއް

ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް އެކްޓަރު، ކާތިކް އާރްޔަން އަކީ އެތައް އަންހެން ކުދިންތަކެއްގެ ހިތް ފަތަހަކޮށްފައިވާ ޒުވާނެކެވެ. ނަމަވެސް ކާތިކަށް ކޮންމެ ކޮންމެ އަންހެން ކުއްޖަކު ކަމުނުދާ ކަމާއި، ކަމުދަނީ ވަކި ސިފަތަކެއް ހުންނަ ކުދިންކަން ވަނީ ކުރީގެ އިންޓަވިއުއެއްގައި ހާމަކޮށްފައެވެ.

‘ފިލްމްފެއާ’ އިން މީގެ ކުރިން ދިން އިންޓަވިއުއެއްގައި 29 އަހަރުގެ އެކްޓަރު ބުނީ، އަންހެނެއްގެ ކިބައިގައި ހުންނަ އެންމެ އަޅައިގަންނަ ސިފައަކީ، ޒިންމާދާރުކަން ކަމަށެވެ. އަދި އަމިއްލަ ހުވަފެންތައް ހާސިލްކުރުމަށް އެހެން މީހަކަށް ބަރޯސާނުވެ، ބުރަކޮށް މަސައްކަތް ކުރާ އަންހެން ކުދިން ވަރަށް ކަމުދާ ކަމަށް ބުންޏެވެ. “އެހެން މީހުންނަށް ރީތި ނަމޫނާއަކަށް ވާންޖެހޭނެ”، ކާތިކު ބުންޏެވެ.

މީގެ އިތުރުން، ކާތިކް ވަނީ އޭނާ ގަޔާވާ ސިފަތައް ހުންނަ ބައެއް އަންހެނުންގެ މިސާލުވެސް ދީފައެވެ. “މިސާލަކަށް، ސައިނާ ނެހްވާލް، މޭރީ ކޮމް، ގުންޖަން ސަކްސޭނާ ކަހަލަ އަންހެނުން ވަރަށް ކަމުދޭ”، ކާތިކް ބުންޏެވެ. މި ލިސްޓުގައި ހިމެނޭ އަންހެނުންނަކީ، ވަރަށް ވަރުގަދަ ޝަހްސިއްޔަތުތަކެކެވެ.

ކާތިކް އާރްޔާން އާއި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ޚާން އާ ދެމެދު ލޯބީގެ ގުޅުން އޮތް ކަމެއް މީގެ ކުރިން ވަނީ އަޑުއަރާފައެވެ. އެއީ އެދެމީހުން އެއްކޮށް “ލަވް އާޖް ކަލް” ފިލްމުގައި މަސައްކަތްކުރި ފަހުން އެރި އަޑުތަކެކެވެ. ނަމަވެސް ސާރާ ވަނީ ފަހުން އެކަން ދޮގުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!