ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކުރުން އަވަސްކުރަން އެމްއާރްއެމްއިން ގޮވާލައިފި

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކުރުން އަވަސްކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

އެމްއާރްއެމްއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާނުލައި ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ އެކަން ހޯމް މިނިސްޓްރީން ދާދިފަހުން ހަނދާންކޮށްދިން ހަނދާންކޮށްދިނުމަށްވެސް އެޕާޓީން ވަނީ ފާޑުކިޔާފައެވެ.

ޤާނޫނު ނަންބަރު 1/2013 (ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނު) އަށް 2016 ވަނަ އަހަރު ގެނެވުނު އިޞްލާޙަކީ އެމް.އާރް.އެމް އިން ޤަބޫލުކުރާ އުޞޫލުތަކާ ޚިލާފު އަދި ޤާނޫނު އަސާސީއާއި ތަޢާރުޒުވާ އިސްލާޙެއް ކަމަށާއި އަދި މިއީ ޤާނޫނުއަސާސީން ދީފައިވާ ޙައްޤެއް އުނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމްއާރއެމް އިން ވިދާޅުވިއެވެ.

“..މިއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނިކުރުމަށް ކޮށްފައިވާ ކަމެއް. އެހެންކަމުން، މިކަމާ ދެކޮޅަށް އޭރުވެސް އަޅުގަނޑުމެން ވާނީ ފާޅުގައި ވަކާލާތު ކޮށްފައި. ހަމައެއާއެކު މިކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑިތައް ގެއްލިގެން ދިޔަކަމީވެސް ރައްޔިތުން ދަންނަ ހަގީގަތެއް،”

“އަޅުގަނޑެމެން އެންމެން ކުރި އިޞްލާޙީ މަސައްކަތުގައި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް މުރާޖާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޤާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް އިޞްލާޙު ކުރުމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައެވެ. އެގޮތުން ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް ގެނެވުނު 1 ވަނަ އިޞްލާޙު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ވާނީ އެއްބަސްވެފައެވެ.” އެމްއާރއެމް އިން ވިދާޅުވިއެވެ.

“މިކަން މިހެން އޮތް ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެން އެންމެން ތާއީދު ކޮށްގެން ގެނައި ސަރުކާރުގެ ހޯމް މިނިސްޓްރީން ނެރުނު އިއުލާނުން ކުރީގައި އަޅުގަނޑުމެން ބަދަލުކުރަން ޖެހޭކަމަށް އެއްބަސްވި ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ހަނިކުރެވިގެންދާ މަންޒަރު. މިގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ، ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާނެ،”

އެމްއާރއެމް އިން ވިދާޅުވީ މިކަމަކީ އަދުގެ ސަރުކާރުގައި ހިމެނިވަޑައިންނަވާ ބޭފުޅުންވެސް، މިއީ ޤާނޫނުއަސާސީގެ ވަރަށް މުހިންމު މާއްދާއަކާ ކަނޑައެޅިގެން ޚިލާފުވާކަމަކަށްވާތީ، މިކަމާ ދެކޮޅަށް ބަސްވިދާޅުވެ، ވަކާލާތު ކުރައްވާފައިވާ ކަމެކެވެ. އަދި ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ޤާނޫނުތައް ބަދަލުކުރެވި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ޤާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށާއި އެހެންކަމުން، ރައްޔިތުންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް ޤާނޫނުތައް އިޞްލާޙުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ޤާނޫނުތައް އަވަހަށް އިޞްލާޙުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އެމް.އާރް.އެމް އިން ގޮވާލާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!