ބިދޭސީންގެ އިހުތިޖާޖާއި ގުޅިގެން ފުލުހުންނާ ސީޕީ ޙަމީދު ބައްދަލުކުރައްވައިފި

ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހު ބިދޭސީން ކުރި މުޒާހަރާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު، ހުޅުމާލެއާއި އެހެން ސަރަހައްދުގެ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން ކުރި އިހުތިޖާޖުގައި އެ ބިދޭސީން ވަނީ ފުލުހުންނަށް ވެސް ހަމަލާ ދީފައެވެ. އަދި ފުލުހުންގެ ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތައް ދީފައެވެ.

ސީޕީ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފުލުހުންނާ ބައްދަލުކޮށް، ހޯމަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށާއި އަވަސް ފިޔަވަޅުތަކަށް ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވި ކަމުގައެވެ. 

އެ ބައްދަލުވުމުގައި ޕްރޮފެޝަނަލިޒަމް އާއި އިޖުތިމާއީ ގުޅުމުގެ މުހިއްމު ކަމަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމަށްވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ބިދޭސީން ހިންގި ހަޅުތާލުގެ ތެރެއިން 41 މީހަކު ހައްޔަރުކުރި ކަމުގައާއި އެމީހުންގެ ބަންދަށް 15 ދުވަހުގެ މުހުލަތު ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!