ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ރައީސް ނަޝީދު އައްޔަންކުރައްވައިފި

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާއަރަކަށްވުން ގާތް 48 ގައުމު ހިމެނޭ ގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބެސެޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އައްޔަން ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ބަނީ ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް މަޖިލިސް ރައީސް އައްޔަންކުރެއްވިކަން އަންގާފައި ވަނީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. އޭކޭ އަބްދުލްމޯމެން، މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހު ދާއިރާއިން އެމްބެސެޑަރުން ކަނޑައެޅުއްވާފައިވެއެވެ. ކަނޑައަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަރުވާފައިވާ ‘ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯރ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން’ ގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެކެވެ. އަދި އެމަނިކުފާނު މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވިއިރު، ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ޤައުމު ބައިވެރިވާ ބައިނަލްއަޤުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ %100 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!