ފްލެޓްތަކުގެ މައުލޫމާތު ހޯދުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން: ދެ މިނިސްޓަރުންގެ ކޯޅުމަކަށް

ހިޔާ ހައުސިންގް ޔުނިޓްތަކުގެ މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިހާރުގެ ހައުސިންގް މިނިސްޓަރާއި ކުރީގެ ހައުސިންގް މިނިސްޓަރ ހޫނު ބަހުސެއް ކުރައްވައިިފިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވަނީ، ރައީސް ޔާމީނުގެ ސަރުކާރުން ހިޔާ މަޝްރޫއު ކުރިޔަށް ގެންދިޔަގޮތް ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިހާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ، އެމަޝްރޫގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އެއީ ރައްޔިތުންނަށް ހައްޤު މިންވަރު ނޫންކަމުގައި ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ޗައިނާ ސްޓޭޓް ކުންފުންޏާ ހަވާލު ކޮށްފައި އޮތީ 434 މިލިއަން ޑޮލަރުގެ މަޝްރޫއެއް 6720 ޔުނިޓު އެޅުމަށް ކަމަށެވެ.

އޭގެ ތެރޭގައި އެތެރޭގެ ދޮރު ހަރުކުރުމެއް ނެތްކަމަށާ ތަށީމުށި ޖެހުމައި ފަންކާ ހަރުކުރުމެއްވެސް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ފިނިޝިން މަސައްކަތްތައް ނުނިންމާ ހަވާލުކުރުން އެއީ މިސަރުކާރުން ގެނައި ބަދަލެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވިގޮތުގައި މުޅި ހިޔާ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ އަގު ހެޔޮކޮށް ކުރެވެން އޮއްވައި އަގު ބޮޑުކޮށް ކަމަށެވެ.

ހިޔާ މަޝްރޫއު ކުރިއަށް ގެންދަން ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓަރު އަސްލަމް ފާހަގަ ކުރައްވާ ވިދާޅުވީ ބައެއް ކުންފުނިތަކުން ފްލެޓެއް 52،000 ޑޮލަރަށް އަޅަން ހުށަހަޅާފައިވާކަމަށާ އެކަމަކުވެސް ޗައިނާ ސްޓޭޓް ކުންފުންޏާ ހަވާލުކުރީ އަގުބޮޑުކޮށް ފްލެޓަކަށް 62،000 ޑޮލަރަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފްލެޓްތަކުގެ ކޮންމެ ޔުނިޓަކަށް ޖެހެނީ 956040 ކަމަށާ މިއީ އާދަޔާ ހިލާފަށް ބޮޑު ރޭޓެއް ކަމަށެވެ. މީގެ އިތުރުން އެޕާޓްމަންޓްތަކުގެ ފިނިޝިން ނުނިންމާ ރައްޔިތުންނާ ހަވާލުކުރާގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މި ފްލެޓް ތަކުގެ ބީއޯކިޔުއެއްވެސް ނެތް ކަމަށާ މިއީ މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ އުސޫލު ނޫންކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

8.7 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައި 570 އަކަ ފޫޓުގެ ދެ ކޮޓަރީގެ އެޕާޓް މަންޓަކަށް 62000 ޑޮލަރު ދީފައި ވަންނަ އިރު އެތަނުގެ ބޭރު ދޮރު ފިޔަވާ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުކޮށް ހުރުމަކީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރުތޯ މެމްބަރު ސަލީމް ވަނީ ޑރ. މުއިއްޒުއާއި ސުވާލުކުރައްވާފައެވެ.

ފޮޓޯ: މިހާރު

ފްލެޓްތަކުގެ އަގާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރުގެ ހައުސިންގް މިނިސްޓަރ ހިޔާ ފްލެޓްގެ އަގުކަމަށް ދެންނެވި އަގަކީ އިތުރުފުޅެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައްދަލުވުން ފެއްޓެވުމުގެ ކުރިން ތަފްސީލް ނުދެއްވި ޚަރަދުގެ ގިނަ ތަފްސީލީ އަގުތަކެއް ޑރ. މުއިއްޒު ހާމަކުރެއްވިއެވެ. އެގޮތުން ޑރ. މުއިއްޒު ވަނީ މި ފްލެޓްތަކުގެ ފިނިޝިން ނިންމަން އެގްރިމެންޓް ކުރެވިފައިވާކަމަށާއި، މި މަސައްކަތް ކުރުމާއިއެކުވެސް ފްލެޓްގެ އަގު 5700 ރުފިޔާގައި ހުންނާނެކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ މި މަސައްކަތުގައި ކުރީ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައްވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތިއްބެވުމާއި އެކު އެފަރާތްތަކުގެ ކިބައިންވެސް ކަން ހިނގިގިޮތުގެ ތަފްސީލު އޮޅުން ފިލުއްވުމަށް އެދިވަޑައިގެންފައެވެ.

” މިތަން ޗައިނާ ކުންފުންޏާއި ހަވާލުކުރީ 434 މިލިއަން ޑޮލަރަށް. އިންޓަރެސްޓް 40.8 މިލިއަން ޑޮލަރު ފިނިޝިން 41.5 މިލިއަން ޑޮލަރު މުޅިއެކު 564 މިލިއަން ޑޮލަރު އެއްކޮށް އިންޓްރެސްޓް ލާފައިވެސް ހޭދަވަނީ. އެހެންކަމުން ކަލްކިއުލޭޓްކުރުމުން އަގު ހުރީ 5700 ރުފިޔާއަށް” ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ މި ކޮމިޓީ ބައްދަލުވުމުގައި އިންނެވި މިނިސްޓަރ އޮފް އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު މުޙައްމަދު ޢާޒިމްއަށް ހިޔާ ހައުސިންގްގެ މަޢުލޫމާތު އިނގިލައްވާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު ޑެޕިއުޓީ މިނިސްޓަ އާޒިމް ވަނީ މިހާރުގެ ހައުސިންގް މިނިސްޓަރ އަސްލަމް ދެންނެވި އަގަކީ ފްލެޓްތައް ދެވެންހުރި އަގުކަމަށެވެ،

“މިތަނަކީ މީ ސިންގަޕޫރު ކޮންސެޕްޓަށް ހަދަން އުޅުނު ތަނެއް. އެކަމަކު މިތާނުގައި އެވަރުގެ ޖާގައެއް ނެތް. ޑީޓެއިލް ބީއޯކިއުއެއްވެސް ނެތް. އަޅުގނޑުމެން ރިސްކާއި، ފިނިޝިން ފަދަ ކަންކަމަށް އެބަ ބަލަންޖެހޭ. ރަނުން ރަނަށް ހަދައިފިނަމަ 6800 ރުފިޔާ. މިދެންނެވި ކަންތައް ހިމަނައިފިނަމަ މި އަގު 10208 ރުފިޔާއަށް އަރާނެ” ހައުސިންގް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށް ދެ ވަޒީރުންނަށް ދެއްވި ފުރުޞަތުގައި ކުރީގެ މިނިސްޓަރ ޑރ މުއިއްޒުވަނީ ފުލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމައި ހަވާލު ކުރެއްވުމަށާއި، ހައުސިންގ މައްސަލައަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ނިންމާލަމުން މިނިސްޓަރ އަސްލަމްވެސް ވިދާޅުވީ ހައުސިން މައްސަލައަކީ އެންމެ ބޮޑު މައްސަލަކަމަށް ވީނަމަވެސް ކުރީގެ ސަރުކާރުން އިސްކަން ދީފައި ވަނީ ވަކިބަޔަކަށް ކަމަށެވެ. އަދި މިސަރުކާރުން މިހާރު ދަނީ މެދުފަންތީގެ އާއްމުދަނީ ލިބޭ ފަރާތްތައް ހައުސިންގ މަޝްރޫއެއް ފަށާފައި ކަމުގައިވެސް މިިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!