އަލީ ވަހީދާއި ސަފާރީ ރޭޕް ކޭސްގެ ޕްރެސް ހަވީރަށް ފަސްކޮށްފި

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު މިއަދު ހަވީރު ހާމަ ކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން އެންމެ ފުރަތަމަ ދެ މައްސަލައިގެ ޕްރެސް ކޮންފަރެންސް ބާއްވަން އޮތީ މިއަދު މެންދުރު ފަހު 1:00 ގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެގަޑީގައި ޕްރެސް ކޮންފަރެންސް ނުބޭއްވުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

އަދި މިހާރު ޕްރެސް ކޮންފަރެންސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ ހަވީރު 4:00 ގައެވެ.

ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވާނީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާއި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މަރިޔަމް އަޒްމާއެވެ.

ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ވާޗުއަލްކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!