ސްޓޭޓް މިނިސްޓަރ ސާލިހުގެ ޚިޔާނާތުގެ ދައުވާގައި ދިފާއީ ހެއްކަށް ގިނަ މިނިސްޓަރުން

ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސާލިހު މައްޗަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.

ޑރ. ސޯލިހުގެ ފަރާތުން ވެސް ވަނީ ދިފާއީ ހެކި ހުށަހަޅާފަ އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ހުށަހެޅި އެވެ. އޭގެއިތުރުން އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލުގެ ނަން ވަނީ ހުށަހަޅާފަ އެވެ. ދެން ހުށަހެޅީ މިނިސްޓްރީގެ ހަތަރު މުވައްޒަފެއްގެ ނަމާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަލީ ޝިޔާމާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ ނަމެވެ. ކިތާބީ ހެކީގެ ގޮތުގައި ދެ ފަޅާއި ރަށާ ގުޅޭ މުއާމަލާތްތައް ސޯލިހު ވެސް ހުށަހެޅި އެވެ.

ސަރުކާރުގެ ގިނަ މިނިސްޓަރުންތަކެއް ނަންތައް ވަކި ސީދާ ސަބަބެއް ހާމަނުކޮށް ހެކީގެ ގޮތުގައި ހުށަހެޅުމުން ދައުލަތުގެ ވަކީލް ވަނީ އެކަމާ އިއުތިރާޒު ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ވަކީލް ޝާއިރު ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ހެކީގެ ގޮތުގައި ހުށަހެޅީ ސޯލިހު އަމަލުކޮށްފައިވަނީ ގޯސްކޮށް ނޫންކަން ސާބިތުކޮށްދީ، މިކަމާ ގުޅޭ ގޮތުން ކައުންސިލްގައި މަޝްވަރާތަކެއް ކުރެވި ގޮތްތަކެއް ކަނޑައަޅާފައިވާކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

ދައުލަތުން ހެކީގެ ގޮތުގައި ހުށައެޅީ ޓުއަރިޒަމް މިނިސްޓްރީގެ ދެ މުވައްޒަފެކެވެ. މީގެއިތުރުން ބައެއް ލިޔެކިޔުންތައް ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ.

މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ހެކިން ބަލައިގަތުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގައިކަމަށެވެ. އަދި މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަނޑައަޅާ ދެން އޮންނަ އަޑުއެހުމުގައި ދެ ފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތައް ހުށައެޅުން އޮންނާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ޓްއަރިޒަމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަހްމަދު ސާލިހު މި މައްސަލައާ ގުޅިގެން ހުރީ ސަސްޕެންޑްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!