ބޮޑުފިނޮޅުން ބިދޭސީން ބާލަން އަމުރު ނެރުނު ގާޒީގެ މައްސަލަ ޖޭއެސްސީއަށް

ބ. އަތޮޅުގައި ރިސޯޓް ތަރައްގީ ކުރަމުންދާ ރަށް، ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލަން ވަގުތީ އަމުރެއް ނެރެފައިވަނީ މަގާމުގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ކަމަށްބުނެ ރިޒް މޯލްޑިވްސް އިން، އަމުރު ނެރުނު ދަރަންވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ ރަށުގައި ތިބީ ރިޒް މޯލްޑިވްސްގެ މުވައްޒަފުންނާއި، އެ ރަށުގެ ވެރި ފަރާތް ކަމަށްވާ ސީލް މޯލްޑިވްސްގެ މުވައްޒަފުންތަކެކެވެ. އެ ރަށުގައި ތިބި ބިދޭސީންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ފަރާތްތަކުން ވަނީ މި މަހުގެ ކުރީކޮޅު އެ ރަށުގައި ތިބި ދިވެހި މުވައްޒަފުން ރަހީނުކޮށް ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެއާއެކު ރިޒުން މަސައްކަތުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލައިގެ ތެރެއިން ސީލް މޯލްޑިވްސް އިން ވަނީ އެ ރަށުގައި ތިބި ބިދޭސީން ބާލަން ވެސް އަމުރެއް ނެރެދޭން އެދިފައެވެ. އެގޮތުން އެ ކުންފުނިން އެދުނު ގޮތަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް އިއްޔެ ވަނީ ނެރެދީފައެވެ.

އެ އަމުރާއި ގުޅިގެން ރިޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތުޅާދޫ ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަޑުއެހުން ފެށުމުގެ ކުރިން އިޖުރާއީ ހަ ނުކުތާއެއް ހިމެނޭ ބަޔާނެއް ހުށަހެޅި ކަމަށާއި ނަމަވެސް ގޮތެއް ނިންމާފައިވަނީ އޭގެތެރެއިން އެންމެ ނުކުތާއަކަށް ކަމަށެވެ.

އަދި އެއަށްފަހު ވަގުތީ އަމުރާއި މެދު ނިންމާ ގޮތް ހާމަކުރައްވާނީ ކަމަށް ބުނެ ލިޔުން ކިޔުއްވަން ފެއްޓުމުން ބާކީ ފަސް ނުކުތާއާމެދު ގޮތެއް ނިންމުމަށްފަހު ނޫނީ ކުރިއަށް ގެންދިޔުމަށް އިއުތިރާޒު ކުރާކަމަށް ބުނަމުންދަނިކޮށް ވީޑިއޯ ލިންކު މެދުކެނޑުނު ކަމަށްވެސް ބުނެފައިވެއެވެ.

އޭގެފަހުން ތުޅާދޫ ކޯޓަށް ޖުމްލަ ހަ ފަހަރެއްގެ މަތިން ގުޅި ކަމަށާއި ނަމަވެސް ފޯނަށް ޖަވާބުދީފައިނުވުމާއި، އެ މައްސަލައިގައި އަމުރެއް ނެރުނުކަން ވެސް އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށްވެސް ރިޒުން ބުނެފައިވެއެވެ.

މި ސިޓީގައި ބުނެފައިވަނީ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އެކުންފުނިން ހުށަހެޅި އެއްވެސް ނުކުތާއަކަށް ޖަވާބުދެއްވާފައިނުވާ ކަމަށާއި އޭނާގެ މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ވަކިގޮތަކަށް މައްސަލަ ނިންމެވުމަކީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފް ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާ އާމެދު އަވަސް ފިޔަވަޅެއް އަޅައި މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ރިޒް އިން ވަނީ ޖޭއެސްސީގައި އެދިފަ އެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލައާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

މި މައްސަލަ ރިޒާ ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!