ގާޒީ އިސްމާއީލްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ކޮމެޓީއެއް އެކުލަވާލައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު، ބޭރުކޮށްލުމާއި ގުޅިގެން، ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ ސްލޫކީ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިފައިވާތީ، އެ މައްސަލަ ބަލަން ނިންމައި، އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ، ބާތިލް ކަމަށް ނިންމައި، އެ މައްސަލަތައް ކޯޓުން ބޭރުކޮށްލި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވަނީ ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ އަދީބުގެ ދައުވާތައް ބޭރުކޮށްލި މައްސަލަ ހުށަހަޅާފައެވެ.

އެ މައްސަލައިގެ ތެރެއިން ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށާއި، ކްރިނަލް ކޯޓުން ބޭރުކޮށްލި މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ވެސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ގޮވާލައްވާފައި ވެއެވެ.

މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި އެމައްސަލާގައި ހިމެނޭ މަނީ ލޯންޑަރިންގ މައްސަލަތަކުގެ އަމަލަކީ، ދިވެހިރާއްޖޭގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކާ ގުޅިގެން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްއާ އާދިބާ ދެމެދު ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ހެދިފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން، ގޮތެއް ނިންމުމަށް، އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުހުމުގައި ގާޒީ އިސްމާއީލް ރަޝީދު ވަނީ އެ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެ، ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.

މައިގަނޑު ގޮތެއްގައި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވެފައިވަނީ، ބޭސްފަރުވާއަށް ބޭރަށް ފޮނުވާނެ ކަމަށް އަދީބަށް ޝަރުތުކޮށް، މަޖުބޫރު ކުރުމަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އަދި ބައިނަލްއަގްވާމީ މުއާހަދާތާކާވެސް ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!