އެއްވެ އުޅުމާއި ގުޅިގެން އަޅާފައިވަނީ ވަގުތީ ފިޔަވަޅުތަކެއް

އެއްވެ އުޅުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާއި އެކު އަޅާފައިވާ ‘ވަގުތީ’ ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ސުލްހަވެރި އިހުތިހާޖެއް ނުވަތަ އެއްވުމެއް ބޭއްވުމަށްޓަކައި ފުލުހުންގެ ހުއްދައަށް އެދެން ޖެހޭއިރު އެއީ މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން އެޅިފައިވާ ހުރަސްތަކެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތަށް، ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށެވެ.

މާލޭގައި މިފަހަކަށް އައިސް ބާއްވާ އެއްވުންތައް ގިނައެވެ. އެގޮތުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް އަމިއްލަ ޖަމިއްޔާތަކުން އަންނަނީ އެއްވުންތައް ބާއްވާ މިފަދަ މައްސަލަތަކުގައި އިންސާފު ޤާއިމުކޮށްދިނުމަށް ގޮވާލަމުންނެވެ. ދާދިފަހުން ސަރުކާރުން ވަނީ މާލެސިޓީގައި އެއްވެސް ބާވަތެއްގެ އެއްވުންތައް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ބުނެ އެކަން ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

ސަރުކާރުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ގައިދުރުކަން ބެހެއްޓުމަށާއި އެއްތަނެއްގައި އެއްފަހަރާ 30 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގައި ކޮވިޑު ކޮންޓްރޯލްކުރުމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަން ފާހަގަކޮށް ސަރުކާރުން ވަނީ ސުލްހަވެރި އިހުތިޖާޖުތަކުގައި ބައިވެރިވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށްފަހު، އެމީހުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ފަރާތްތަކުން ނުރުހުން ފާޅުކޮށް މިހާރު މުޒާހަރާ ކުރަމުންދާއިރު، މި ސްޓޭޓްމެންޓުގައި ވަނީ މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން ވަނީ ފެއިލްވެފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މިހާރު ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!