ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ހުއްޓައިލަން ޓްވިޓާގައި ގޮވަމުންދަނީ

ސްޓާ ޕްލަސްގެ އެންމެ ގިނަ ދުވަސްވީ އެއް ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” ގެ އާ އެޕިސޯޑުތަކެއް ދައްކަން ފެށުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، އޭގައި އުޅޭ ބައެއް ތަރިން މާސްކާއި ޝީލްޑު އަޅައިގެން ތިބުމުންނެވެ. އަދި މިކަން ޖޯކަކަށްވެ، ގިނަ ބަޔަކު އަންނަނީ ޓްވިޓާއާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި މި ޝޯއަށް މަލަމާތްކުރަމުންނެވެ.

އޭގެތެރެއިން ގިނަ ބަޔަކު ޓްވިޓާގައި ގޮވާލާފައި ވަނީ މި ސިލްސިލާ ހުއްޓައިލުމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ވެރިވި ލޮކްޑައުން އަށް ފަހުވެސް ޝޯގެ ސްކްރިޕްޓަށް ބެލުންތެރިން ޝައުގުވެރިވާ ފަދަ ބަދަލެއް އައިސްފައިނުވާ ކަމަށް ބުނެ ބައެއް މީހުން ވަނީ މި ޝޯގައި އެއްވެސް އޮއްޓަރެއް ނެތްކަން ފާހަގަކޮށްފައެވެ.

މި ސިލްސިލާ މަތިން ފޫހިވެފައިވާ އެހެން މީހަކު ބުނި ގޮތުގައި، ކޮވިޑް-19 އަށް ވެސް މި ޝޯ ނިންމައިނުލެވުން ކަމަށެވެ. އަދި މި ސިލްސިލާ ދުވަހަކުވެސް ނުނިމޭނެ ކަމަށާއި، ދާއިމަށް ކުރިއަށްދާނެ ކަމަށްބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ.

“ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުން ފެނިގެން ދިޔައީ، މި ސިލްސިލާގެ ބަތަލު ކާތިކް، ބަތަލާ ނައިރާގެ އަތުގައި އަންގި ލައްވައިދީ، މޫނުގައި ފޭސް ޝީލްޑު އަޅުވާ މަންޒަރެވެ. މިއީ އެދެމެދުގައި އޮތް ލޯބި ހާމަކޮށްދޭން ދެއްކި މަންޒަރަކަށް ވިޔަސް، ބެލުންތެރިންނަށް މިކަން ވީ ބޮޑު ޖޯކަކަށެވެ. “

ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” އަކީ 2009 ވަނަ އަހަރު ދައްކަން ފެއްޓި ސިލްސިލާއެކެވެ. ސިލްސިލާގެ ވަކި ހިސާބަކުން ޝޯގެ މައިގަނޑު ތަރިން ބަދަލުވެފައި ވިޔަސް، މި ޝޯ ނިމުމަކާ ކައިރިވެސް ނުވެއެވެ. މީގައި މިހާރު ދައްކަނީ ސިލްސިލާ ފެށުނުއިރު އުޅުނު އަކްޝަރާ އާއި ނައިތިކުގެ ދަރިފުޅު ނައިރާގެ ވާހަކައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!