ކުޑަ ދަރިފުޅު އުކުނޑިކޮށްޓާނަމަ ހަދާނީ ކިހިނެތް؟

ކުޑަކުދިން އުކުނޑި ކޮށްޓުމަކީ ވަރަށް އާންމުކަމެކެވެ. އެކަމަކު އާންމު ގޮތެއގައި ބޮޑެތި މީހުން އުކުނޑިކޮށްޓާއިރު އުނދަގޫވާ ފަދައިން އެކުދިންނަށް އުކުނޑިކޮށްޓުމުން ވާ އުނދަގޫ ކުޑައެވެ. ނަމަވެސް ބައެއް ފަހަރު އުނދަގޫވާ ކުދިންވެސް އުޅެއެވެ. އެފަދަ ކުދިން ޑޮކްޓަރަށް ދެއްކުން ރަނގަޅުވާނެއެވެ.

ކަރުނުޅީގެ ތެރެއިން ކާތަކެތި ބަނޑާއިހަމައަށް އައުމަށް ނަގަނީ 2 ނުވަތަ 3 ސިކުންތުގެ ކުޑަވަގުތުކޮޅެކެވެ. ކާތަކެތި އަވަހަށް ކެއުމުން އެތަކެތި ބައެއްފަހަރަށް ކަރުގެ ނޭވާހިގާ ހޮޅި (ވިންޑް ޕައިޕް)ގެ ތެރެއަށް އެޅެއެވެ. މިމައްސަލަ ދިމާވުމުން އެތަކެތި ބޭރުކޮށްލުމަށްޓަކައި އަމިއްލަ ޢިޚްތިޔާރުން ބޭރުގައި ކެއްސުމަކާއި އުކުނޑި ކޮއްޓުމެއް އާދެއެވެ. ކުރިންވެސް ދެންނެވި ފަދައިން ބޮޑެތި މީހުންނަށް މިކަމުގެ އުނދަގު ބޮޑުވި ނަމަވެސް ކުޑަކުދިންނަށް އުކުނޑި ކޮށްޓަމުން ނިދަންވެސް ތިބެވެއެވެ.

ތުއްތު ދަރިފުޅު އުކުނޑިކޮށްޓާނަމަ ހަދާނީ ކިހިނެތް؟

ވައިލެއްވުން

ކުޑަދަރިފުޅަށް ގާތުންދޭ އިރު މެދުތެރެއިން ހުއްޓާލާފައި ވައި ލައްވާލާށެވެ. އޭރުން ވައިލެއްވުމުން ދަރިފުޅު ބަނޑުގައި ހެދޭ އިތުރު ވައި ބޭރުވުމުން އުކުނޑިއެރުމުން ދުރުކޮށްދޭނެއެވެ. މިގޮތުން ދަރިފުޅަށް ފުޅިން ކިރު ދޭ ނަމަ 2-3 އައުންސް ދެވުމުން ވައި ލައްވަންވާނެއެވެ، ގާތުން ދޭނަމަ އެއްފަރާތް ނިންމައި އަނެއް ފަރާތް ފެށުމުގެ ކުރިން ވައިލައްވަން ވާނެއެވެ.
ހަމައެހެންމެ އުކުނޑިކޮށްޓުން ދުރުކުރުމަށްޓަކައި އަބަދުވެސް ދަރިފުޅަށް ގާތުން ދިނުމަށްފަހު ވައި ލައްވަންވާނެއެވެ.

ތުން ޖެހުން

ތުއްތު ކުދިން އުކުނޑި ކޮށްޓުމުގެ ސަބަބަކީ ހަމަ އެކަނި ކިރު ދިނުމެއް ނޫނެވެ. އެހެން ސަބަބަކާއި ހެދިވެސް އުކުނޑިކޮށްޓަފާނެއެވެ. އެހެން ވެއްޖެނަމަ ދަރިފުޅު ދަމަން ތުނބެއް ދެވިދާނެއެވެ. މިގޮތަށް ތުން ދަމަން ފެށުމުން ﷲ އިރާދަފުޅުން އެކަން ހުއްޓިިދާނެއެވެ.

އަމިއްލައަށް ހުއްޓެންދެން ބެހެއްޓުން

ދަރިފުޅަށް އުކުނޑި ކޮށްޓަމުން އުނދަގޫނުވާނަމަ އަމިއްލައަށް ރަނގަޅުވަންދެން ބަހައްޓާލާށެވެ. ނަމަވެސް އުނދަގޫވެގެން އަބަދު ރޯނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ރަނގަޅެވެ.

ތުއްތު ދަރިފުޅު އުނކުޑިކޮށްޓުމުން ދުރުކުރާނީ ކިހިނެތް؟

  • ދަރިފުޅަށް ގާތުން ނުވަތަ ފުޅި ދޭއިރު ދަރިފުޅު ހަމަޖެހިފައި އޮންނަ ގަޑިއެއްގައި ދޭށެވެ. ދަރިފުޅު މާ ބޮޑަށް ބަނޑުހައިވަންދެން ނުބާއްވާށެވެ. އަދި ދަރިފުޅު ރޯ ވަގުތު ގާތުން ނުދޭށެވެ. ކުޑަކޮށް މަސަލަސް ކޮށްލާފައި ގާތުން ނުވަތަ ފުޅިން ކިރު ދޭށެވެ.
  • ކިރު ދިނުމަށްފަހު ދަރިފުޅު ލައްވާ ފުންމުން ކަހަލަ އެހާ ބުރަ ހަރަކާތްތައް ނުކުރުވާށެވެ.
  • ކިރު ދިނުމަށްފަހު 30 ވަރަކަށް މިނިޓު ސީދަލަށް ނުވަތަ ކޮޅަށް ދަރިފުޅު ބައިންދާލާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!