ސުޝާންތު ފޭނެއްގެ ކޮމެންޓަށް ރައްދުދީފައިވާ ގޮތް ފެނިފައި އޭނާ މަރުވީ އަމިއްލައަށް ކަމަށް ނުބެލެވޭ؟

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު މަރުވިތާ އެއް މަސް ފާއިތުވެގެން ގޮސްފައިވާއިރު، އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބައެއް ފޭނުންނަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. އެގޮތުން، ސުޝާންތަކީ އަމިއްލައަށް މަރުވާނެ ފަދަ މީހެއް ނޫންކަމަށް ބުނެ، އެކަމަށް ބާރުލިބޭ ކަންތައްތައް ފޭނުން އަންނަނީ މީސްމީޑިއާގައި ފެންމަތިކުރަމުންނެވެ.

އޭގެތެރެއިން މިފަހަރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ، މީގެ އެއް އަހަރު ކުރިން، ސުޝާންތުގެ އިންސްޓަގްރާމް ޕޯސްޓަކަށް ފޭނަކު ކޮށްފައިވާ ކޮމެންޓަކަށް ސުޝާންތު ދީފައިވާ ރައްދެވެ.

ސުޝާންތުގެ ފޭންޕޭޖަކުން މީގެ 3 ދުވަސް ކުރިން އިންސްޓަގްރާމްގައި އާއްމުކޮށްފައިވާ ސްކްރީންޝޮޓުން ފެންނަނީ، ފޭނަކު ކޮށްފައިވާ ކޮމެންޓާއި، ސުޝާންތު އެއަށް ރައްދުދީފައިވާ ގޮތެވެ. އެގޮތުން އެ ފޭން ސުޝާންތު ކައިރީގައި އާދޭސްކޮށްފައިވަނީ “އެހާ އަވަހަށް މަރު ނުވުމަށާއި”، އަބަދުވެސް ފޭނުންނަށް މިސާލު ދެއްކުމައިގެން ކުރިއަށް ދިޔުމަށެވެ. އަދި ސުޝާންތު ކަހަލަ މީހުން ވަރަށް މަދުވެއްޖެ ކަމަށާއި، އެއްވެސް ކަމެއްގައި އުއްމީދު ކަނޑައިނުލުމަށް އެ ފޭންގެ ކޮމެންޓުގައި ލިޔެފައިވެއެވެ.

އެއަށް ރައްދުދެމުން ސުޝާންތުގެ އިންސްޓަގްރާމް އެކައުންޓުން ބުނީ، ޔަޤީނުންވެސް ގިނަ ބަޔަކަށް މިސާލު ދައްކައި ހިތްވަރުދިނުމުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ފޭންގެ ބަސްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން ސުޝާންތު ބުނީ “އަވަހަށް މަރުނުވައްޗޭ” ބުނެފައި އޮތުމުން ހިނި އައިސްފި ކަމަށެވެ.

މިއީ ކޮން ޕޯސްޓަކަށް ކޮށްފައިވާ ކޮމެންޓެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ކުރީގެ މި ސްކްރީންޝޮޓް ފެނިފައި ސުޝާންތަށް ސަޕޯޓުކުރާ ބައެއް މީހުން ބުނަނީ، ސުޝާންތަކީ އަމިއްލައަށް މަރުވާ ވަރަށްވުރެ މާ އުފާވެރި، ހިތްހެޔޮ މީހެއް ކަމަށެވެ. އެހެންކަމުން، ސުޝާންތު މަރުވީ އަމިއްލައަށް ނޫން ކަމަށާއި، އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ވާނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!