ކައިވެނި ކުރަން ބައެއް ފިރިހެނުން ބިރުގަންނަނީ ކީއްވެ؟

މީހެއްގެ ދިރިއުޅުމުގައި، ފިރިހެނެއްވިޔަސް އަދި އަންހެނެއްވިޔަސް ، ނަގާނެ އެންމެ މުހިއްމު އަދި އެންމެ ނުރައްކާތެރި ޤަރާރަކީ ކައިވެނި ކުރަން ނަގާ ޤަރާރެވެ. ކައިވެނި ކުރުމުގެ ވަގުތާ، ޢުމުރާ ކައިވެނި ކުރާ މީހާއަކީ ނުބައި ޤަރާރެއްގެ މަތިން އިޚްތިޔާރު ކުރެވުނު ހޮވުމެއްނަމަ އެއީ މުޅި ޢުމުރަށް، ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ. ކައިވެނި ރޫޅުމުގެ ސަބަބުތަކުގެ ލިސްޓުގެ ހަމަ އެންމެ ކުރީގާ އޮންނަނީވެސް، ކަވެނި ކުރަން ނެގޭ ޤަރާރު ގޯސް އެއްޗަކަށް ވުމެވެ.

އަނެއްކޮޅުން ބަލާއިރު، މި ޤަރާރަކީ ބަރާބަރު އެއްޗަކަށް ވެއްޖެނަމަ، އެއޮތީ މަރުވަންދެންވެސް ވަފާތެރި ކަމާއި، އުފަލާ ހިތްހަމަ ޖެހުން މަތީ ތިބެވޭނެކަން ކަށަވަރުވެފައެވެ.

ކިޔަވަން ފައްޓާ އެއްޗެއް ކަމު ނުގޮސްފިނަމަ، ދާއިރާ ބަދަލު ކުރެވިދާނެއެވެ. ލާރި ހުރިއްޔާ މިއީ މާކަ ބޮޑު މައްސަލައެއް ނޫނެވެ. ވަންނަ އޮފީސް ކަމު ނުގޮސްފިއްޔާ، ވަޒީފާވެސް އެހެން ތަނަކަށް ބަދަލު ކުރެވިދާނެއެވެ. ލިބޭނެ ގެއްލުމެއް، ގެއްލޭނެ އަބުރެއް، މަގުމަތިވާނެ ދަރިންނެއް މިފަދަ ޙާލަތްތަކުގައި ނެތެވެ.

ނަމަވެސް ކައިވެނި އެހެނެއް ނޫނެވެ. ކައިވެނި ކުރަން ނަގާ ޤަރާރު، ކައިވެނި ކުރާ ވަގުތާއި މީހާ، ވިސްނާ ނުލާ ނަގައިފިނަމަ ނިމޭނީ ހިތްހަމަ ނުޖެހުމާއި، ބޮލު ރިހުމާއި ދެން ވަރިއަކުންނެވެ. ނަތީޖާއަކީ ބޭކާރު ގޮތުގައި ވަރިއެއް ކުރުމުގެ ހަޑި ނަން ނިއްކުރީގައި ޖެހުމެވެ. ކުދިންތަކެއް ނިކަމެތި ވުމެވެ. އެތައް ބަޔަކާއި މޫނު ކެނޑުމެވެ. އަދި މުޖުތަމަޢުގެ ވަރީގެ ލިސްޓު ދިގު ވުމެވެ.

ކުރެވޭ ކައިވެނީގެ ޢަދަދު މަދު ނުވިއަސް، މިހާރަކަށް އައިސް ކައިވެނި ކުރަން ބިރުގަންނަ ފިރިހެނުން އަންނަނީ ގިނަވަމުންނެވެ. މި ޒަމާނު ފިރިހެނުންނަކީ މާ ޖެހިލުން ކުޑަ ބައެކޭ މީހަކު ހިތަށް އަރާފާނެއެވެ. ކޮންމެ ކަމެއްގައިވެސް އިސްތިސްނާއެއް ވާކަމަށް އެއްބަސްވުމަށްފަހު ބުނަންޖެހެނީ، މި ޒަމާނު ބައެއް ފިރިހެނުންނަކީ މީހަކާ އިނުމުގެ ކަންތަކުގައި ވަރަށް ފިނޑި ބައެއްކަމަށެވެ. އިހުޒަމާނު މީހުން، ކައިވެނި ކުރަން އެހާ ބިރެއް ނުގަނެއެވެ. އެ ދުވަސްވަރު ޙަޔާތަކީ ވަރަށް ސާދާ ވަރަށް ފުދުންތެރި ޙަޔާތެކެވެ. ހާސްވާން ޖެހޭ ކަންތައްތަކެއް އުޑު ދަށަކު އޭރު ނޯވެއެވެ.

ނަމަވެސް މިއަދަކީ އިއްޔެއެއް ނޫނެވެ. އުޑު ބަދަލެއް ނުވެއެވެ. އެކަމަކު މިއަދު މީހުންވަނީ ބަދަލުވެފައެވެ. ދިރިއުޅުމާއި، އޭގެ ލަނޑުދަނޑި، މީހުންގެ މިޒާޖާއި އިސްކަން ދޭ ކަންތައްތައް ވަނީ ބަދަލު ވެފައެވެ. އަންހެނުންގެވެސް ޖިންސު ބަދަލުނުވިއެއްކަމަކު ނަފްސުގެ ބައެއް ބަދަލުވެއްޖެއެވެ. ފިރިހެނުންވެސް ހަމަ އެހެންނެވެ.

މީހަކު މިހިސާބުން ހިތަށް އެރުން ވަރަށް އެކަށީގެންވާ ސުވާލަކީ، ފިރިހެނުން ކައިވެނި ކުރަން ބިރުގަންނަ ކަމަށް ބުނަންޏާ އޭގެ ސަބަބެއްވެސް އޮންނާނެ ނޫންހެއްޔެވެ؟ ބިރުގަންނަ މީހުން ބިރު ގަންނަ ބައެއް ސަބަބުތަކަކީ މިއީ ކަމުގައި ބުނެވިދާނެއެވެ.

1- ކައިވެނި ކުރަން ނަގާ ޤަރާރު ތަންފީޒު ކޮށްފިނަމަ ، ރުޖޫޢައެއް ނުވެވޭނެއެވެ. ސަލާމަތް ނުވާ ހިސާބަށް ދިޔައިމާ ދެން އޮންނާނެ ހަމައެކަނި އިޚްތިޔާރަކީ ، އެންމެ ނުބައި އިޚްތިޔާރެވެ. އެއީ ވަރިއެވެ. މިއިން މާއްދީ އަދި މަޢްނަވީ ގެއްލުންތަކެއް ލިބޭނެކަން ޔަޤީންވީމާ ބައެއް މީހުން ކައިވެނި ކުރަން ބިރުގަނެއެވެ.

2- ބައެއް މީހުން ކައިވެނި ކުރަން ބިރު ގަންނަ އެއް ސަބަބަކީ، ކުރީގާ އަންހެން ކުދިންނާ ރައްޓެހިވާހެން ރައްޓެހި ނުވެވޭނެތީއެވެ. މީހަކާ އިނީމާ ޢާޠިފީ ގުޅުން ބޭއްވޭނީ ހަމައެކަނި އެންމެ މީހަކާއެކީއެވެ. ކުރީގައި ނަމަ ހަތަރު ފަސްކުދިންނާ އެއްފަރާ ރައްޓެހިވެގެން އުޅެވޭނެއެވެ.

3- ބައެއް ފިރިހެނުން ހިތަށް އަރާނީ ”މިއަށްވުރެ މާ ރީތި އަންހެނަކާ ކައިވެނި ކުރަން ފުރުޞަތު ލިބިދާނެ” ކަމަށެވެ. އެހެންވީމާ އަދި އިހަށް މަޑު ކޮށްލާނީ އެވެ. މި ގޮތަށް ކުރާ މަޑަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ. އެއީ މިއަދު ފެންނަ ރީތި ކަމަނާއަށްވުރެ މާ ރީތި ކަމަނާއެއް މާދަން ފެންނާނެއެވެ.

4- ކައިވެނި ނާކާމިޔާބު ވެދާނެ ކަމަށް ގަންނަ ބިރުގެ ސަބަބުން ބައެއް މީހުން ކައިވެނި ކުރަންވެސް ބިރު ގަނެއެވެ. މިފަދަ މީހުން ދެކެނީ ކައިވެނި ނުކުރުމުން ނާކަމިޔާބުވާނެ ކައިވެންޏެއްވެސް ނޯންނާނެ ކަމަށެވެ.

5- މައިންބަފައިންނަނަކީ ވަކިވެފައި ތިބި ބައެއްނަމަ، ނުވަތަ އަބަދު ހަމަ ނުޖެހުން ގަނޑެއްގެ ތެރޭ އުޅޭނަމަ، އެ ޙާލަތަށް ނުދާން ވެގެން ބައެއް ކުދިން ކައިވެންޏާ ދުރަށް ދެއެވެ. ނުވަތަ ކައިވެނި ކުރަން ބިރުގަނެއެވެ.

6- ތިމާގެ މިނިވަންކަން ގެއްލި، ނުފޫޒާއި ބާރު، އިންނަ އަންހެން މީހާގެ އަތްދަށަށް ހިނގައިދާނެ ކަމަށް ބައެއް މީހުން ބިރުގަނެއެވެ.

8- ކައިވެނި ކުރުމުން އަދިވަކިން ޚާއްޞަކޮށް ދަރިން ލިބުމުން އުފުލަން ޖެހޭ މަސްއޫލިއްޔަތު ދެކެ ގަންނަ ބިރެއްގެ ބޮޑު ކަމުންވެސް، އެ ދެކެ ބައެއް މީހުން ބިރުގަނެއެވެ.

މިއީ ކައިވެނި ކުރަން އެއްބައި ފިރިހެނުން ބިރުގަންނަ ސަބަބުތަކެވެ. ނަމަވެސް، މިއީ ކައިވެނި ނުކޮށް ހުރުމަށް ދެއްކިދާނެ ބަހަނާއެއް ނޫނެވެ. ކައިވެންޏަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ އެއްޗެކެވެ. އަދި ކައިވެނިދެކެ ގަންނަ ބިރު ފިލާނީވެސް، އެކަން ތަޖުރިބާ ކުރެވުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!