މިއަދު އައި 2 ފްލައިޓްއިން ރާއްޖެއަށް ޖުުމްލަ 226 މީހުން އައިސްފި

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަސް ދުވަސް ފަހުން މިއަދު ޖެއްސި ދެ ފްލައިޓުގައި ރާއްޖެއަށް 226 މީހުން އައިސްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށެވެ. ދެވަނަ އަށް ޖައްސާފައި ވަނީ ސްރީލަންކާގެ ފްލައިޓެއް ކަމަށެވެ.

ޖުމްލަ ދެ ފްލައިޓެއް ޖައްސާފައި ވާއިރު، ގަތަރް އެއާވޭސްގެ ފްލައިޓުން އައިސްފައި ވަނީ 127 މީހުންނެވެ. އަދިޮ ލަންކާގެ ފްލައިޓުން އައިސްފައި ވަނީ 99 މީހުންނެވެ. ގަތަރުގެ ފްލައިޓު މިއަދު އެއާޕޯޓުގައި ހެނދުނު 8:27 ހާއިރު ޖައްސާފައި ވާއިރު، އެ ފްލައިޓުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

މިއަދު ދެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވާއިރު، މާދަމާ އާއި އޭގެ އަނެއް ދުވަހަށް ޑޮމެސްޓިކް އެއާ ޕޯޓްތަކަށް ވަނީ ފްލައިޓްތަކެއް ޝެޑުއުލް ކޮށްފައެވެ. އެގޮތުން މާދަމާއަށް ހަތް ފްލައިޓެއް ހަމަޖައްސާފައި ވާއިރު 17 ވަނަ ދުވަހަށް ދެ ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!