އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން: ރައީސް

އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް ޖެންޑަރ މިނިސްޓްރީން ފަށާގައިވާ “ގެވެށި ގުޅުން” ކެމްޕެއިން އިފްތިތާޙު ކުރެއްވުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ސޯލިޙު ވިދާޅުވީ، ގެވެށި އަނިޔާއަކީ ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ އަށަގަނެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއީ ޢާއިލާތައް ހަލާކުވެ، އުފާވެރި ޖީލުތަކެއް ބިނާކުރުމަށް ހުރަސްއަޅާ މައިގަނޑު އެއް މައްސަލަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މި މައްސަލަ ޙައްލުކުރުމުގައި މުޅި ދައުލަތް ޒަމާންތަކެއް ވަންދެން ނުކުޅެދިފައި އޮތްކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، މިކަން ޙައްލުނުކޮށް، މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް ކަމަށެވެ.

” ގެވެށި އަނިޔާގެ މައްސަލަތަކަކީ، ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށް ވީހިނދު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން. “ނޫނެކޭ” ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެއް. އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ، އަނެކާއަށް އޮތް ޙައްޤެއް ނޫން. އަދި، އެފަދަ ޢަމަލެއް ހިންގާ އެއްވެސް މީހަކު، އިންސާފުގެ ކުރިމަތީގައި އިސްތިސްނާ ވެގެންނުވާނެ.” ރައީސް ވިދާޅުވިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އަށް ކަނޑައަޅާފައިވާ ބަޖެޓުވެސް 294 މިލިއަން ރުފިޔާއަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރޭޕް އަދި ޖިންސީ ގޯނާއަކީ، ގްރޭވް ކްރިމިނަލް އޮފެންސް (ޖިނާއީ ބޮޑު ޖަރީމާއެއް) ގެ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް ޢަމަލުތައް ބަހައްޓައިގެން ނުވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ މީހުން އަލުން “ވިކްޓިމައިޒް” ވިޔަދީގެން ނުވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!