ފޮޓޯ: މިހާރު

ފްލެޓު ލިބުނުކަމަށް 9517 ފަރާތަކަށް ލިޔުން ޙަވާލުކޮށްފައިވޭ

ފްލެޓު ލިބުނުކަމަށް ނުވަ ހާސް ފަސް ސަތޭކައަށްވުރެ ގިނަ މީހުންނަށް ލިޔުން ޙަވާލުކޮށްފައިވާކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖްލީހުގެ ޤައުމީ ތަރިކައާއި ތަރައްޤީއާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ފްލެޓުތަކުގެ މައްސަލަ ބެލުމަށް ރައިސުލްޖޫމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީގެ މެމްބަރު ތާޙާ މުޙައްމަދު ވިދާޅުވީ ފްލެޓު ލިބުނުކަމުގެ ލިސްޓުގައި، ލިބެންޖެހޭކަމަށް 2500 ޔުނިޓު ޢާއްމުވެފައި ވާކަމަށެވެ. އެހެންނަމަވެސް މިއީ ފެންނަން ނެތް ފްލެޓުތަކެއްކަން ތާޙާ ފާހަގަކުރެއްވިއެވެ. އަދި ކޮމިޓީން ބެލި ބެލުމުން މިހާތަނަށް ނުވަ ހާސް ފަސް ސަތޭކަ ސަތާރަ ފްލެޓު ޙަވާލުކުރުމަށް ނިންމާފައިވާކަމުގެ ލިޔެކިޔުން އެބަހުރިކަމަށެވެ. އަދި އެއްވެސް މަޢުލޫމާތެއް ނެތް 390 ފޯމުވެސް ލިބިފައިވާކަމަށް ތާޙާ ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފަންސަވީސް ހާހަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން ކޮމިޓީންވަނީ މިހާތަނަށް ތޭވީސް ހާސް ފޯމު ޕްރޮސެސްކޮށް ނިމިފައިވާކަން ފާހަގަކޮށްފައެވެ. އަދި މީގެ ތެރެއިން އެކާވީސް ހާސް ފޯމު އިވެލުއޭޓްކޮށްފައި ވާކަމަށް ކޮމިޓީންވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މަޖިލިސް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރު ތާޙާ މުޙައްމަދު ވިދާޅުވީ ގޭގެއަށް ގޮސްގެން ޙާލަތުބެލުމަށް ކުރާ މަސައްކަތް ކޯވިޑް-19އާ ގުޅިގެން މުޅިން ހުއްޓިފައި ވާކަމަށެވެ. އެހެންނަމަވެސް މިހާރު ދީފައިވާ ލުއިތަކާއެކު މިކަން ނިންމުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. މިމަސް ނިމޭހާ ހިސާބުގައި ލިސްޓުތައް ފައިނަލްކޮށް އިޢުލާންކުރުމުގެ ކަންކަން ފަށާނެކަމަށްވެސް ތާޙާ ވިދާޅުވިއެވެ. އަދި މިމަސައްކަތް ލަފާކުރާ މުއްދަތުގެ ތެރޭގައި ކުރެވޭނަމަ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށްވެސް ތާޙާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިޔާގެ ދަށުން ޢިމާރާތްކުރާ ފްލެޓުތަކުގެ ތެރެއިން 140 ފްލެޓު ގުޅިފަޅުން ހައުސިން ޔުނިޓުތައް ގަތް މީހުންނަށް އަދި މާލޭގެ ގާކޮށިން ފްލެޓްލިބި އެތަންތަން ނުދެވުނު މީހުންނަށް 160 ފްލެޓު ދިނުމަށްވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!