މަދަނީ ޖަމްޢިއްޔާތަކަށް ޔޫތު މިނިސްޓްރީގެ އިންޒާރު

ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކަށް ހިތްވަރު ލިބޭ ކަންކަން ޖަމިއްޔާތަކުން ނުކުރުމަށް ޖަމްއިއްޔާތަކާ ބެހޭ ކަންކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ޔޫތް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ޔޫތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ރާއްޖޭގެ ޤައުމީ ސަލާމަތާއި ރާއްޖޭގެ ޢާންމު މަޞްލަހަތަށް އުނިކަން ލިބޭ ފަދަ ކަންކަމަށް އަދި އެފަދަ ހަރަކާތްތަކަށް ހިތްވަރު ލިބޭ ބީދައިން ރަޖިސްޓަރީކޮށްގެން ހިންގާ ބައެއް ޖަމްޢިއްޔާތުން މީސްމީޑިޔާއާއި އެނޫން މަންސަތަކުގައި ވާހަކަދައްކާ ކަމަށް ބުނެފައިވެއެވެ. އަދި އެކަމާ އެމިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

މިނިސްޓްރީން ބުނީ މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅުކުރަން ޖެހޭ ކަންތައް ރަނގަޅުކުރުމަށް ބާރު އެޅުމުގެ ގޮތުން އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން އެ ހައްގުގެ ބޭނުން ކުރުމަށް މިނިސްޓްރީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

އެގޮތުން އިސްލާހުކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެވާހަކަތައް ދެއްކުމަކީ ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ބިނާކުމުގެ މުހިންމު އަސާސެއްކަންވެސް ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.

“ނަމަވެސް ގާނޫނާ ގަވައިދާ ހިލާފަށް ކަނޑައެޅިގެން ހިންގާ ރާއްޖޭގެ ގައުމީ ސަލާމަތަށާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ހަރަކާތްތަކަށާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރުލިބޭ ގޮތަށް ޖަމިއްޔާ ޖަމާއަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫގެ ބޭރުން ހިނގާ ކަންތައްތަކެއް ކަމުގައި މިނިސްޓްރީން ދެކެމެވެ.” މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ބަޔާނުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަމަަށް ހިތްވަރުދޭ ޖަމްޢިއްޔާތަކާމެދު ފިޔަވަޅު އަޅާނެ ކަމުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!