އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލީ މައްސަލަ ބެލި ގާޒީގެ ގަމާރުކަމުން: ނަޝީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވީ މައްސަލަ ބަލަން އިންނެވި ގާޒީގެ ގަމާރު ކަމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ގޮވާލާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅި މައްސަލަ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. 

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބާތިލުކުރުމުން އަދީބު މިނިވަން ވެފައިވާއިރު ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައެވެ.

އަދީބަށް ކުރި ދައުވާތައް ބާތިލުކުރުމުން މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅާފައިވާއިރު، ނަޝީދު ވިދާޅުވީ މުޅި މައްސަލަ މިގޮތަށް ހިނގައިގެން ގޮސްފައިމިވަނީ ގާޒީގެ ގަމާރުކަމުން ކަމަށެވެ.

“އިއްޒަތްތެރި މެމްބަރު ތި ވިދާޅުވީ ގާބިލުކަމުގެ މައްސަލައޭ. ގަމާރު ކަމުން ވީކަމެއްގެ ގޮތުގައި މުޅި މައްސަލަ ހިނގާމިދިޔައީ” ނަޝީދު ވިދާޅުވިއެވެ.

އަދި މި މައްސަލަތައް ބޭރުކޮށްލުމުގައި އެއްވެސް އިޖުރާއަތަކަށް ބެއްލެވުމުގެ ގާބިލުކަމެއް ގާޒީގެ ކިބައިގައި ނެތީ ކަމަށާއި ނުވަތަ ގާޒީ “ގަމާރުކަން އިންތިހާއީ” ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، އަދީބުގެ މައްސަލަތައް ބާޠިލްކުރުމަށް ނިންމެވި ހުކުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ދަޢުވާތައް ބާޠިލްކުރައްވަން ގާޒީ ކުރެއްވި ހުކުމުގައި ދައުލަތުން ހުށަނާޅާ ލިޔުންތަކަކަށް ރިޢާޔަތް ކުރައްވާފައިވާއިރު އެއީ ކޮން ގޮތަކުން ޤާޒީއަށް ލިބިވަޑައިގެންނެވި މަޢުލޫމާތުތަކެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އަދީބު ކޯޓުގައި ނުދައްކަވާ ވާހަކަތަކަށް ޙަވާލާދެއްވާފައި މައްސަލަ ނިންމެވިއިރު މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!