ގުޅިފަޅުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން ވަނީ ހަމަޖެހިފައި: އަސްލަމް

ގުޅިފަޅު ހިއްކުމަށްފަހު ގުޅިފަޅުން މާލޭ ރައްޔިތުންނަށް 1200 ބިންކޮޅު ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފުކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެކަށީގެންވާ ގެދޮރުވެރިކަމެއް ނެތް 5،000 ޢާއިލާ މާލެ ރަށްވެހިންގެ ގޮތުގައި އެބަތިބި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ގުޅީފަޅުން ދޫކުރާ 1،200 ބިމަކީ އޭގެ ތެރެއިން ކޮންމެވެސް މިންވަރެއް ފުއްދާނެ ބިން ކަމުގައިވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް ވިދާޅުވީ މިހާރު ހުޅުމާލޭގައި ގާއިމްކޮށްފައިވާ 6700 އެއްހާ ފްލެޓްތަކުގެ ހައްގުވެރިންގެ ނަންތައް މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާނުކުރަން ފަށާނެ ކަމަށެވެ. ހައުސިންގެ ފްލެޓްތަކުގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ނުވަތަ ވަކި ޓާގެޓެޑް ޕޮޕިއުލޭޝަނަކަށް ހާއްސަކޮށްފައި ނުވާތީ ފްލެޓްތަކުގައި ދިރިއުޅެން ޖެހޭ މީހުންނަށްވުރެ ގިނަ މީޙުން އެއްތަނެއްގައި ދިރިއުޅެމުންދާ ކަމަށެވެ.

އޭގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ކަމަށް ބުނި ނަމަވެސް މީގެ ކުރިން ކަންވެފައި ހުރި ގޮތަށް ބަލާއިރު ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މާލޭން ފްލެޓް ދީފައިވާކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!