އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލަން ހުކުމް ކުރި ގާޒީގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މިޤަރާރު ހުށަހެޅުއްވީ ރައްޔިތުން މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފެވެ. މި މައްސަލަ އަށް ބަހުސް ކުރުމަށް ފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. މިޤަރާރު ހުށަހަޅުއްވަމުން އަދީބުގެ މައްސަލަ ބެއްލެވި ޤާޟީ އިސްމާޢީލު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް މެންބަރު ޙަސަން ލަޠީފުވަނީ އަމާޒުކުރައްވާފައެވެ. 

މެމްބަރު ހަސަން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އިސްމާއިލް ރަޝީދު އެ ކޯޓުން ބޭރުކޮށްލާފައިވަނީ ގާނޫނުތަކާއި އިޖުރާތުތަކާއި ހިލާފަށް ކަމަށެވެ.

އަދި މި މައްސަލަތައް ކޯޓުން ބޭރުކޮށްލުމުގައި ދައުލަތާއި އަދީބާއި ދައުލަތާއި ދެމެދު ހަދާފައިވާ އެއްބަސްވުމަކަށް ހަވާލާދީ، އެއީ މަޖުބޫރު އެއްބަސްވުމެއް ކަމަށް ބަލައިގަނެ، އަދީބު މީގެކުރިން ދީފައިވާ އިއުތިރާފް ބަޔާންތައް ބާތިލުކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ފަނޑިޔާރު އިސްމާއިލް އަމިއްލަ އަށް ގޮތް ނިންމާފައިވަނީ އަދީބާއި ދައުލަތުގެ ބަހެއް ހޯދުމަކާއި ނުލައި ކަމަށާއި ކޮރަޕްޝަންގެ މިފަދަ ބޮޑު މައްސަލައެއް ގާނޫނުތަކާއި އިޖުރާތުތަކާއި ހިލާފަށް ކޯޓުން ބޭރު ބޭރުކޮށްލުމުގައި ނުފޫޒާއި ރިޝްވަތާއި ކޮރަޕްޝަންގެ އަމަލު އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމަށާއި، ކޯޓުން ބޭރުކޮށްލި މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ވެސް މި މައްސަލައިގައި ދައުލަތަށް ވަނީ ގޮވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!