ރޭޕްގެ ސަބަބުން ބަލިވެއިން އަންހެން ކުއްޖެއް އަމިއްލަ ބައްޕަގެ އަތުން މަރުވެއްޖެ

ރޭޕްގެ ޝިކާރައަކަށްވެގެން ބަލިވެ އިނުމުން، އަންހެން ކުއްޖާގެ ބައްޕަ ރުޅި އައިސްގެން އެކުއްޖާ ދަންޖައްސައި މަރާލައިފިއެވެ.

އިންޑިއާގެ އުއްތަރުކަންޑްގައި ހުންނަ މަންޓޯލީ ނަމަކަށްކިޔާ އަވަށެއްގައި ހިނގި މި ހާދިސާގައި އަމިއްލަ ބައްޕަގެ އަތުން މަރުވެފައިވަނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ދިރިއުޅުމެން އައީ އެކުއްޖާގެ މާމައާއި ކާފައާއެކުގައި ކަމާއި، ބަލިވެ އިންކަން އެނގިފައިވަނީ މާމަމެންނާއެކު ހޮސްޕިޓަލަށް ދިޔުމުން ކަމަށް އިންޑިއާގައި ނޫހެއްގައި ލިޔެފައިވެއެވެ.

އަދި އެކުއްޖާ ބަލިވެއިން ވާހަކަ ކުއްޖާގެ ބައްޕައަށް އެނގުމުން، އެކަމާ ރުޅި އައިސްގެން އެކުއްޖާ ދިރިއުޅޭ ގެއަށް ފަތިހު 5 ޖަހާއިރު ގޮސް، އޭނާ ނިދާފައި އޮއްވައި ކަރުގައި ހިފައި މަރައިލީއެވެ. އަދި އެދުވަހުގެ އިރު އެރުމުން މުޅި ހިސާބުގަނޑަށް އެންގީ އެ އަންހެން ކުއްޖާ އަމިއްލައަށް މަރުވީ ކަމަށެވެ. ނަމަވެސް ފުލުހުންނަށް މި ޙަބަރު ލިބިގެން ކުރި ތަހުޤީޤުން އެނގުނީ އަންހެން ކުއްޖާ މަރުވީ އަމިއްލައަށް ނޫން ކަމާއި، ބައްޕަ މަރައިލީ ކަމެވެ. އަދި އެއީ އެ އާއިލާގެ ނަމަށް ހުތުރުކަމެއް އައިސްދާނެ ކަމުގެ ބިރަށް ކުރި ކަމެއްކަން ވަނީ ހާމަވެފައެވެ. މިގޮތަށް ކުރެވޭ ޤަތުލަށް ކިޔައި އުޅެނީ “އޮނާ ކިލިންގް” އެވެ.

ނަމަވެސް އެކަން ފަޅާއެރި އިރު، އަންހެން ކުއްޖާގެ ހަށިގަނޑު ވަނީ ސިއްރުން ވަޅުލައިވެސް ނިންމައިފައެވެ. އެހެންކަމުން،މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ޓީމަކުން ވަނީ އަންހެން ކުއްޖާގެ ހަށިގަނޑު ކޮނެގެން ނަގައި، ޓެސްޓުތައް ހަދަން ފޮނުވައިފައެވެ. މީގެ އިތުރުން، ބަޔަކު ވަނީ އެކުއްޖާ ރޭޕް ކޮށްފައި ކަމަށް ފުލުހުންނަށް ޝައްކުވެގެން، މިހާރު ދަނީ އޭނާގެ ބަނޑުގައި އޮތް ނުއުފަން ދަރީގެ ޑީއެންއޭ ނަގައިގެން، ރޭޕް ކުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ލިޔެފައިވެއެވެ.

މި ހާދިސާގައި 17 އަހަރުގެ ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާއަކީ ރޭޕްގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ޤައުމެކެވެ. އަދި ރޭޕް ކުރުމަށްފަހު އަންހެން ކުދިން މެރުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. އެގޮތުން މީގެ ދެ ހަފްތާ ކުރިން، އިންޑިއާގެ އަވަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރަން އުޅުމުން އެކަމަށް ހުރަސްއެޅުމުން، އެކުއްޖާގެ ގައިގައި އަލިފާން ރޯކޮށްލައިގެން މަރާލާފައިވެއެވެ. ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވުމުގެ ކުރިން އެ އަންހެން ކުއްޖާ ވަނީ އޭނާއަށް ހަމަލާދިން އެންމެންގެ ނަން ހާމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!