ސުޝާންތުގެ މަރަށް އެއް މަސް: ދައްތަ ހިއްސާކުރީ ހިތްގައިމު ފޮޓޯއެއް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ދަންޖެހިގެން އަމިއްލައަށް މަރުވިތާ މަހެއް ވެފައިވާއިރު، މިއަދު މީސްމީޑިއާއިން ފެނިގެންދިޔައީ ސުޝާންތުގެ އާއިލާއާއި ގާތް އެކުވެރިން އަދި ފޭނުން އޭނާގެ ހަނދާން އާކުރަމުންދާ ތަނެވެ.

އެގޮތުން ސުޝާންތުގެ ދައްތަ ޝްވެތާ ސިންގް ކިރްތީ އިންސްޓަގްރާމުގައި ހިއްސާކޮށްފައި ވަނީ ކުރީގެ ހިތްގައިމު ފޮޓޯއެކެވެ. އެ ފޮޓޯގައި ފެންނަނީ ޝްވެތާއާއި ސުޝާންތު، ވަރަށް ރީތިކޮށް ހިނިތުންވެލައިގެން ނަގާފައިވާ ސެލްފީ އެކެވެ.

މި އުފާވެރި ފޮޓޯ ހިއްސާކުރަމުން ޝްވެތާ ވަނީ ކުރު މެސެޖަކުން ހިތުގެ އުދާސްތައް ވެސް ހާމަކޮށްފައެވެ. އެގޮތުން ޝްވެތާ ލިޔެފައިވާ ގޮތުގައި، ސުޝާންތު އެންމެންނާ ވަކިވެގެން ދިޔަތާ މަސްދުވަސް ވިޔަސް، އަދިވެސް ހީވަނީ ސުޝާންތު ކައިރީގައި އުޅޭހެނެވެ. މީގެ އިތުރުން ވަރަށް ލޯބިވާ ވާހަކައާއި، އަބަދުވެސް އުފަލުގައި ހުރުމަށް ލިޔެފައިވެއެވެ.

ސުޝާންތު އުމުރުން 34 އަހަރުގައި މަރުވެފައިވާއިރު، އޭނާ ކުޅެފައިވާ އެންމެ ފަހުގެ ފިލްމު “ދިލް ބެޗާރާ” ނެރެން އަންނަނީ ތައްޔާރު ވަމުންނެވެ. މި ފިލްމު ސްޓްރީމް ކުރަން ނިންމާފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ ގައެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!