ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް 7 ކަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރޭތީ، މުޅި ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރުކުރައްވައިފި އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 24 ދުވަހަށް އިތުރު މިކުރީ، މިހާރު ވެސް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރާ ގޮތަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

އެންމެ ފަހުން އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު މިއަދު ހަމަވާނެ އެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު ކޮށްފައިވާއިރު މުޅި ރާއްޖެ އަށް އިއުލާން ކުރި ލޮކްޑައުންނަށް ބޮޑެތި ލުއިތަކެއް ވަނީ ދީފަ އެވެ. އެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅާއެކު ކެއުންބުއިގެ ހިދުމަތް ދޭ ތަންތަނާއި އޮފީސްތައް މިހާރު ވަނީ ހުޅުވައިފަ އެވެ.

މާދަމާ އިން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް އަލުން ހުޅުވައިލާނެ އެވެ. ރާއްޖެ އައުމަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ބުކިން ހަދަމުންނެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަމީން އިއުލާނު ކުރެއްވީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ފަސް ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!