ފޮޓޯ: މިހާރު

ހުޅުމާލޭގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް އައިލެންޑް އެކްސްޕާޓުން މުސާރަ ނުދީގެން، އިއްޔެ ހިންގި ބޮޑު ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި 41 ބިދޭސީއެއްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ވިދާޅުވީ އެ ހުރިހާ ބިދޭސީން ވެސް 15 ދުވަހަށް ޖަލުގައި ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން މިއަދު އަންގައިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާތީ ކަމަށް ބުނެ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ވަނީ ހުޅުމާލޭގައި ބޮޑު ހަމަނުޖެހުމެއް އިއްޔެ ހިންގައި ފުލުހުންނާއި އާންމުންގެ ތަކެއްޗަށް ގެއްލުންދީފަ އެވެ. މީގެ ކުރިން ދެ ފަހަރަކު އެ މީހުން މުޒާހަރާ ކުރި ނަމަވެސް މިގޮތަށް ހަމަނުޖެހުން ހިންގައި ފުލުހުންނަށާއި އާންމުންގެ ތަކެއްޗަށް ގެއްލުން ދީފައެއް ނުވެ އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުރަތަމަ ދިޔަ ފުލުހުންގެ ޓީމާ ދިމާ އަށް ބިދޭސީން ވަނީ ގާ އުކައިފަ އެވެ. ދިފާއު ވުމަށް އެއްވެސް ހަތިޔާރެއް ނެތި، ހުސްއަތާ ދިޔަ 10 ވަރަކަށް ފުލުހުންނަށް ބިދޭސީން ގަލުން ދިން ހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވެ، ވެހިކަލެއްގެ ބިއްލޫރި ތަޅައިލި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!