ޕީޖީގެ ހިތްހަމަނުޖެހުން, މައްސަލަ ބޭރުކޮށްލި ގާޒީގެ މައްސަލަ ޖޭއެސްސީ އަށް

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް މައްސަލަ ބާތިލުކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވަނީ، މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ދައުވާތައް ބާތިލް ކުރި ސަބަބުތަކުގެ ތެރޭގައި އަދީބާއެކު ދައުލަތުން ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ސައްހަކަން ހިމެނެއެވެ. އެގޮތުން، އެއީ އަދީބު ލައްވާ މަޖުބޫރުން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަދި ގާޒީ މިހެން ނިންމެވީ އަދީބު އެހެން ވިދާޅުވެގެން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު މި މައްސަލައިގައި އަމަލު ކުރެއްވި ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ޖޭއެސްސީން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ހުކުމަކާއި ގުޅިގެން މައްސަލައެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭނަމަ، ވަކި ގާޒީއަކަށް ބެލުމެއް ނެތި އެ މައްސަލަތައް ހުށައަޅުއްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމެއް އޮންނަ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނުގައި ބުނާ ކަމަށާއި ގޮތް ނިންމަން ޖެހެނީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެއްބަސްވުމަށް އަދީބު ވެސް އިންކާރުކޮށްފައިނުވަނީސް ދައުވާތައް ބާތިލް ކުރުމާއެކު އެއްބަސްވުމަކީ ނުފޫޒުންވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައެޅީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށެވެ.

އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި ހުރި ކަމަށާއި މައްސަލަ ސާބިތު ކުރެވުނީސް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވީމަ ކަންބޮޑުވުމަކީ ޝަރީއަތެއް ހިންގުމަށް ފުރުސަތު ނުދިނުން ކަމަށެވެ. ޝަރީއަތެއްކޮށް މިކަމުގައި ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި އޭރުން އަލުން މައްސަލަ ކުރިމިނަލް ކޯޓުގެ އެހެން ގާޒީއަކަށް ބަލަން ޖެހޭނެކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. ޝަމީމް ވިދާޅުވީ، އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުގައި އަދީބާ ސުވާލު ކުރަން ޖެހޭ ކަމަށާއި އެއްބަސްވުމަށް އޭނާ ދެކޮޅު ހަދައިފިނަމަ ދެން ކުރިއަށްދާނެ ގޮތަކާމެދު ޕީޖީއިން ގޮތް ނިންމާނެ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެކި ރަށްތަކުގެ މައްސަލާގައި އަދީބަށް 150 އެއްހާ ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން އެބަހުރި ކަމަށެވެ. އެ އަދަދު އެހެން އޮތްވައި، އަދީބާއެކު އެއްބަސްވުމެއް ހަދައި ހަތް ދައުވާ ކުރަން ނިންމާފައި އޮތީ ކުރީގެ ޕީޖީ ކަމަށާއި އެ ނިންމުން އެގޮތަށް ކުރިއަށް ގެންދެވީ ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އަމިއްލައަށް ގަބޫލު ކުރައްވާ ގޮތް އެއާ ވަރަށް ތަފާތު ކަމަށާއި އަދީބަށް ވަރަށް ގިނަ ދައުވާތަކެއް ކުރެވޭނެކަން ޝަމީމް ތަކުރާރުކޮސް ފާހަގަ ކުރެއްވި އެވެ. އަދި އެއްބަސްވުން ދޫކޮށްލައްވަން އަދީބު ނިންމަވައިފިނަމަ އެގޮތުގެ މަތިން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އަދީބަކީ މީގެކުރިން ވެސް ފިލާފައިވާ މީހަކަށްވާތީ، އިސްތިއުނާފު މައްސަލައާއެކު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ވެސް ޕީޖީއިން ވަނީ ނިންމާފަ އެވެ. ހައިކޯޓުގެ ނިންމުމެއް އޮތް ގޮތުން ކުރިން ވެސް އެހެން ފިލާފައި އެފަދަ ކުށުގެ ރިކޯޑެއް އޮތް މީހަކަށްވާނަމަ ޕާސްޕޯޓް ހިފަހައްޓަން މަޖުބޫރުވާކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!