އަދީބަށް 800 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރަށް ހެއްކި އެބަހުރި: ޕީޖީ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް 800 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރަށް ދައުވާ ކުރެވޭނެހާ ލިޔުމާއި ހެކި އެބަ އޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލެން އެބައޮތް ކަމަށާއި އެ ދައުވާތަކަކީ ކުރިން ޕީޖީ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމާ ނުލައިވެސް އުފުލޭނެ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް އުފުލާ އެ ދައުވާތައް ސާބިތުވެއްޖެނަމަ 806 އަހަރުގެ ޖަލު ހުުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދީބު މިއަދު ވަނީ މިނިވަންވެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކުގައެވެ. މިކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، އަދީބުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލްކުރި ކުރުމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފާޑު ވިދާޅުވަމުން ޝަމީމް ވިދާޅުވީ، އަދި މިއަދުގެ ނިންމުން އައީ އަދީބު ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށްވެސް ނޫން ކަމަށާއި އެއީ ފަނޑިޔާރު އަމިއްލައަށް ހޯއްދެވި މައުލޫމާތުތަކެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.

ޝަމީމް މިއަދުވެސް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ކުރިއަށްދާނެ ކަމަށެވެ. އަދި އަދީބު ހިޔާނާތް ހިންގާފައިވާކަން ސާބިތުކޮށްދެވޭނެ މިންވަރަށް ހެއްކާއި ލިޔުންތައް އެބަހުރި ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލީ ޕީޖީން ހުށައަޅާފައިވާ 700 ސަފްހާގެ ލިޔެކިޔުމަށް ވެސް ބެލުމެއްނެތި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!