އަދީބުގެ މައްޗަށް 150 އަށްވުރެ ގިނަ ދައުވާ ކުރެވިދާނެ: ޕީޖީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރެވޭނެ 150 އަށްވުރެ ގިނަ ދައުވާ އެބަހުރި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވަނީ މިނިވަންވެފަ އެވެ. އޭނާ މިނިވަންވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ.

ކްރިމިނަލް ކޯޓްގެ މި ނިންމުން ހައިކޯޓްގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަކުރުމަށް މިއަދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލްކުރި ކުރުމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ އެ ނިންމެވުމަށް ޝަމީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި މިއަދުގެ ނިންމުން އައީ އަދީބު ހުށައެޅުއްވި ހުށައެޅުއްވުމެއްގެ މައްޗަށްވެސް ނޫން ކަމަށާ އެއީ ފަނޑިޔާރު އަމިއްލައަށް ހޯއްދެވި މައުލޫމާތުތަކެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.

އަދި ވިދާޅުވީ މިހާރުވެސް އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލެން އެބައޮތް ކަމަށެވެ. އަދި އެ ދައުވާތަކަކީ ކުރިން ޕީޖީ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމާ ނުލައިވެސް އުފުލޭނެ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް އުފުލާ އެ ދައުވާތައް ސާބިތުވެއްޖެނަމަ 806 އަހަރުގެ ޖަލު ހުުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އަދީބުގެ އިއުތިރާފް އެއްބަސްވުމާ ނުލައިވެސް 150ވުރެ ގިނަ ދައުވާ އުފުލެން އެބަހުރި. އެ ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމް އަންނާނެ،”

ޝަމީމް މިއަދުވެސް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ކުރިއަށްދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!