އަދީބު މައްޗަށް ކުރި ދައުވާތައް ބާތިލުކުރުން އިސްތިއުނާފު ކުރަނީ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މައްޗަށް ކުރި ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ނިންމައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

7 ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފަ އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ސީރިއަސް ބޮޑެތި ދައުވާތައް ހިމެނެ އެވެ.

ނަމަވެސް މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަކާ ނުލައި ކުރިމިނަލް ކޯޓުން މިއަދު ނިންމީ ދައުވާތައް ބާތިލްކުރުމަށެވެ. އެއީ އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ އެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.

މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވަނީ އެފަދަ އެއްބަސްވުމެއް ހަދިދާނެ ތޯއާއި، ގާނޫނީ ހަމަތަކުގެ މަތިން އެފަދަ މާއްދާތަކެއް ހިމަނާ އެކަން ކުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި މިއަދު ޝަރީއަތް ބާއްވަވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ނިންމަވާފައި ވަނީ އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބޭ އެއްބަސްވުމެއް ނޫން ކަމަށާއި، ދައުލަތުން އޭނާއަށް 7 ދައުވާ އުފުލާފައި ވަނީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށާއި އަދި ގާނޫނާވެސް ހިލާފަށް ކަމަށެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ބޭސް ފަރުވާއަށް މީހަކު ފޮނުވަން ޝަތުރު ކުރުމަކީ ޕީޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތަށް އެކަން ކުރުމުން އެއީ “ޓޯޗާ” އެއްގެ ގޮތުގައިވެސް ބެލިދާނެ ކަމަށެވެ. އަދި އަދީބުގެ މައްޗަށް ހިންގި ޝަތީއަތްވެސް ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ އެ ހުކުމާއެކު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގައި ހުންނެވި އަދީބު އެއްކޮށް މިނިވަން ވީއެވެ. ކުރިން އޮތް 33 އަހަރުގެ ޖަލު ހުކުމްވެސް ބާތިލު ކޮށްފައި ވުމާއެކު މިހާރު އަހުމަދު އަދީބަކީ މިނިވަނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!