110 ދުވަހަށް ފަހު މާދަމާ ބޯޑަރު ހުޅުވާލަނީ

110 ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން މާދަމާ ނިމުމަކަށް ގެނެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލާއިރު އެކަމާ ގުޅުން ހުރި އިދާރާތަކުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ޤައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފުރަބަންދުގެ ފިޔަވަޅުތަކާއިއެކު 27 މާރޗުގައި ރާއްޖޭގެ ބޮޑަރު ބަންދުކުރިއެވެ. ޒަރޫރީ ބޭނުމުގައި ތަކެތި ގެންނަ ފްލައިޓްތައް އަދި ރެޕަޓްރިއޭޝަން ފްލައިޓް ނޫން އެހެން ފްލައިޓެއް ވީއައިއޭއަށް މިމުއްދަތުގައި ނުޖައްސައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބޯޑަރު ހުޅުވުމުގެ ގޮތުން ވީއައިއޭގައި މާދަމާ ހެނދުނު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ބޯޑަރު ހުޅުވުމުގެ ގޮތުން ފުރަތަމަ ރާއްޖެއަށް ޖައްސާނީ ގަތަރު އެއާވޭސްގެ ބޯޓެވެ. އެ ބޯޓުން އަންނަ މީހުންނަށް މަރުހަބާ ކިއުމުގެ ގޮތުން ބޯޓު ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދޭނެ އެވެ. އަދި އެ ފްލައިޓުން އަންނަ ކޮންމެ މީހަކަށް މާބޮނޑިއެއް ހަދިޔާ ކުރާނެ އެވެ. އެނގިފައިވާ ގޮތުގައި މި ފްލައިޓުން 150 އަށް ވުރެ ގިނަ މީހުން ރާއްޖެ އާދެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައިލި ނަމަވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ފަށާނީ އަންނަ މަހު އެވެ. މި މަހަށް ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސްގެ އިތުރުން އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސްގެ ދަތުރުތަކެވެ.

އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފަށާ ހަ އެއާލައިންގެ ތެރޭގައި ސްރީލަންކަން އާއި ސިންގަޕޯ އާއި އިންޑިގޯ އާއި ގަލަފް އެއާ ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!