އަދީބުގެ މައްސަލާގައި ބިޝާމާއި ރިޔާޒު ވަނީ ގާނޫނާ ހިލާފުވެފައި: ކްރިމިނަލް ކޯޓު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ޓޯޗާކޮށް ނުފޫޒު ފޯރުވުމުން ގާނޫނާ ހިލާފުވެފައިވާ ކަމަަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ކުރިމިނަލް ކޯޓުން މި ގޮތަށް ނިންމީ ބިޝާމާއި ރިޔާޒު އިސްވެ ތިއްބަވައި ހިންގެވި ތަހުގީގެއް ދަށުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލު ކުރުމަށް ކޯޓުގައި އޮތް ޝަރީއަތުގައެވެ.

އަދީބުގެ މައްޗަށް އުފުލާފައި ވަނީ ބޮޑެތި ސީރިއަސް ދައުވާތަކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން ވެސް ހިމެނެ އެވެ. އަދީބާއެކު ޕީޖީ އޮފީހުން ވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފައެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށް ފަހު އެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގުގައި ކުރިން ސީދާ ކަނޑައެޅިގެން އިޖުރާއަތްތަކާ ހިލާފަށް ފުލުހުން އަމަލު ކޮށްފައި ވާކަން ސާބިތުވާން އެބަ އޮތް ކަމަށެވެ. އެހެން އޮތްވާ އަލުން ތަހުގީގު ކުރިއިރު ވެސް ހަމަ އެ އޮފިސަރުން ތަހުގީގުގައި ބައިވެރި ކުރުމަކީ އޭގައި ޟަރޫރަތެއް ނެތް މުޅިން ގޯސް ކަމެއް ކަމަށެވެ. ކުރީގެ ތަހުގީގުގައި ވެސް އަދި ފަހުގެ ތަހުގީގުގައި ވެސް އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

މީގެ އިތުރުންވެސް މި މައްސަލާގައި އަދީބު ހުންނެވީ ނުފޫޒެއް ނެތް މާހައުލެއްގައި ކަމަށް ކަނޑައެޅެން ނެތް ކަމަށް ގާޒީ މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޖީގެ އަމަލުތައް ހުރީ ގާނޫނު ނުދަންނަ އުސޫލުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން، އިއުތިރާފު އެއްބަސްވުމަށް ވާސިލްވުމަށްޓަކައި ކަމަށް ބުނެ އަދީބާއެކު އެކުލަވާލާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ އެއްވެސް ގާނޫނެއް ދަންނަ އެއްބަސްވުމެއް ނޫންކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެއީ ކިހިނެއް އެކުލަވާލި އެއްބަސްވުމެއްކަން ސާފު ނުވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ޕީޖީގެ ފަރާތުން ބިޝާމް އެކަނި ސޮއި ކުރައްވާފައިވާއިރު ދެން ހާޒިރުވެ ތިބި މީހުންގެ ގޮތުގައި ވެސް ސޮއި ކުރައްވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒު އެކަނި ކަމަށް ގާޒީ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!