ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަކުރުން ހުއްޓާލާ: އީވާ

އިސްލާމް ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިންނާއި މީޑިއާގައި ވާހަކަ ދައްކަމުން ގެންދާ ކަމަށާއި އެކަން ހުއްޓާލެއްވުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރަނީ އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ލައިގެން ހުންނަ ހެދުމަކުން ނޫން ކަމަށެވެ. އަދި އެމޭރުމުން ވާހަކަ ދައްކާ ފަރާތްތަކުގެ ސަބަބުން އެ ހާދިސާ އެއް ހިނގާފައިވާ ރަށެއްގައި ނުވަތަ ގައުމުގައި ޖިންސީ ކުށުގެ އަނިޔާ އިތުރު ކުރުމަށް، އެއީ އަޅައިގެން ހުންނަ ހެދުމެއްގެ ސަބަބުން ވާ ކަމެއް ކަމަށް ދީން ދަންނަ ދީނީ އިލްމުވެރިން ހިތްވަރު ދެއްވާ ވިދާޅުވާ ކަމަށް އީވާ ވަނީ ފާހަގަ ކުރައްވާފްއެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ ޖިންސީ ކުއްތައް ހުއްޓުވުމަށް ކުރަންވީ ކަމަކީ އަންހެނުން ލައި ހެދުން ބަދަލު ކުރުން ކަމަށް ދެކެ، ދައްކާ އެ ވާހަކަތަކަކީ “މުޑުދާރު” ވާހަކަތަކެއް ކަމަށާއި އެއީ އިސްލާމް ދީނުގެ އަސްލު ދަންނަ މީހުންވެސް ލަދު ގަންނަން ޖެހޭ “ހުތުރު” އަމަލެއް ކަމަށެވެ.

އިސްލާމް ދީނަކީ އަންހެނުން ބާރުވެރިކޮށް އޯގާތެރިކަމާ އެކުގައި އަންހެނުން އަޅާލައި، އަންހެނުން ހިމާޔަތް ކުރުމަށް ގޮވާލާފައިވާ ދީން ކަމަށްވާއިރު ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް އެ ގޮތަށް ފުރައްސާރަ ކުރުން ހުއްޓާލަން ދީނީ އިލްމުވެރިންނަށާއި މީޑިއާއަށް ގޮވާލައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!