7 ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އަދީބު މިނިވަން ވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލު ކުރަން ފަށާތާ 45 ދުވަސް ތެރޭގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެއުސޫލުން އަދީބުގެ މައްސަލަތަކާއި މެދު އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަދި މީހަކަށް ޖިނާއީ ދައުވާއެއް ދެވަނަ ފަހަރަށް ނުއުފުލޭނެ ކަމަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކަކީ ކުރިން ވެސް ދައުވާ އުފުލި، އަދި ކޯޓުން ޙުކުމްތައް ވެސް ކޮށްފައިވާ މައްސަލަތަކާއި ގުޅުން ހުރި ދައުވާތަކެއް ކަމަށް ވާތީ މިހާރު އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ހަދާފައި އޮވެ އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވެފައި ވަނީ އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އައިޝަތު ބިޝާމާއި އޭރުގެ ބައެއް ފުލުހުންގެ އިސްވެރިން ޔަގީންކަން ދެއްވުމުން ކަމަށެވެ.

އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ސޮއި ކޮށްފައިވާ އެއްބަސްވުމަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމެއް ނޫން ކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:
– މަނީ ލޯންޑްރިންގެ ދެ ދައުވާ
– ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
– ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް

އަދީބު މިނިވަންވީއިރު އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތެވެ. ބަންދުގައި ހުންނެވީ ދައުވާތަކުގެ ޝަރީއަތަށެވެ. އަދީބުގެ މައްޗަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވެސް މަތީ ކޯޓުތަކުން މިދިޔަ އަހަރު އޮތީ ބާތިލްކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!