އަޑީ ދައުލަތް ހޯދަން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

“އަޑީ ދައުލަތް” ހޯދަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. މި މައްސަލަ އަށް ބަހުސް ކުރުމަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 20 މެމްބަރުންގެ ތެރެއިން 11 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ގާނޫނު އަސާސީގެ 1 ވަނަ ބާބުގެ 2 ވަނަ މާއްދާގައި ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، ސުންނީ މުސްލިމުންގެ މައްޗަށް ބިނާވެފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަން ސަރީހަ އިބާރާތުން ބަޔާންކޮށްފައިވީ ނަމަވެސް، ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ “އަޑީ ދައުލަތުގެ” ބާރު ރާއްޖޭގައި ވަކިހިތްޕަމުންދާ ކަމަށެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުންވެސް އަޑީ ދައުލަތުގެ ބިރުވެރިކަން ވަޒަން ކުރެވިފައިވާކަމަށް ކުއްލި މައްސަލައިގައި ވެއެވެ. އަދި ރައިސުލްޖުމްހޫރިއްޔާ އާއި މަޖިލިސް ރައީސް އާއި 20 މެމްބަރެއްގެ މައްޗަށް އަޑީ ދައުލަތުން މަރުގެ އިންޒާރު ދީ ފައިވާކަމަށް ވެސް ޖާބިރުގެ ކުއްލި މައްސަލައިގައިވެ އެވެ. 

ގާނޫނުއަސާސީ ނަގަހައްޓާ، އިތުރު ދައުލަތެއް އޮތުމަކީ ޤާނޫނުއަސާސީއާއި ހިލާފުކަމަކަށް ވާތީ މިހާރުން މިހާރަށް އެ މައްސަލަ ހައްލުކުރުމަށް ގޮވާލާ އެ އަޑީދައުލަތަކީ ކޮބައިތޯ ދެނެގަނެ އެ އަޑީދައުލަތުގެ އެޖެންޑާ އާއި އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ދެނެގަތުމަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ވެއެވެ. 

ޖާބިރު ވިދާޅުވީ ފެންނަނީ ކޮންމެވެސް ބައެއް އަޑީގައި ތިބެ ރާވައިގެން ސިފައިންނާއި ފުލުހުން ގައިގާ ތަޅަން އަންނަތަންކަމަށެވެ. އަދި މިކަމުގެ އަޑީގައި ބަޔަކު އުޅޭކަމަށާއި އެމަޖެންސީ ހިންގައިގެން ނަމަވެސް މިކަން ބަލަން ޖެހޭކަމަށް ޖާބިރު ވިދާޅުވި އެވެ. މީގެ އިތުރުން ޖާބިރު ވަނީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ފިޔަވަޅު ނޭޅި ހުރީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!