ރިޔާސީ ދެ ކޮމިޝަން އުވާލަން ޖެހޭ: ނަޝީދު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ ބޭނުމެއް ނުފެންނަ ކަމަށާއި އެ ދެ ކޮމިޝަން ވެސް އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ދެ ކޮމިޝަން ވެސް އުފެއްދީ މަރުތަކަށް އިންސާފު ދިނުމަށާއި ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދަން ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ ކޮމިޝަންތަކުގެ ގާނޫނެއް މަޖިލީހުން ވުޖޫދުކޮށް ދެ ކޮމިޝަނަށް ވެސް ގާނޫނުން ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ކުރައްވަން ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ކޮމިޝަންތައް ނުވަތަ ގާނޫނު އުވާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ހަދާފައިވާ ރިޕޯޓެއްގެ ޑްރާފްޓް އެ ކޮމިޝަންގެ ރައީސް ވަޑައިގެން ދެއްވިކަމަށާއި އެ ރިޕޯޓް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ހިއްސާކުރިން ކަމަށެވެ. އެ ރިޕޯޓްގައި ވާ ވަރަށްގިނަ ވާހަކަތަކާ ގުޅޭ ތަހުގީގެއް ނުވަތަ ދައުވާއެއް ކުރުމެއް ހަމަ އެއްގޮތަކަށް ވެސް ނުހިނގާ ކަމަށް ރައިސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ކޮމިޓީންވެސް އެ މައްސަލަ ބެލުމަށްފަހު ފާހަގަވާ ކަންކަންކަމާ ގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު އެހާ ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭނުމެއް ނުހިފޭ ކޮމިޝަންތަކަކާއެކު ބޭކާރު ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. މި ކަމުގައި ގޮތެއް ނިންމަވާނީ މަޖިލީހުގެ މެންބަރުން ކަމަށް ވެސް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!