މިދުވަސްވަރު ސީރިއަލްތަކުގެ ޝޫޓިންގ ކުރިއަށް ގެންދާތީ މީހުން ފާޑުކިޔާ: ޕޫޖާ ބެނާޖީ

ކޮރޯނާވައިރަސްގެ ބިރު އެއްކޮށް ފިލާފައި ނުވާއިރުވެސް، އިންޑިއާގެ ލޮކްޑައުން އަށް ދިން ލުއިތަކާއެކު ބައެއް ޓީވީ ސިލްސިލްތާކުގެ ޝޫޓިން އަލުން ފަށައިގެން ކުރިޔަށް ދާތީ، އެކަމަށް ވަރަށް ގިނަ މީހުން ފާޑުކިޔާ ކަމަށް ޓީވީ އެކްޓްރެސް ޕޫޖާ ބެނާޖީ ބުނެފިއެވެ.

ސްޓާ ޕްލަސް އިން ދައްކާ “ކަސޯޓީ ޒިންދަގީ ކޭ” ގައި ސަޕޯޓިންގ ރޯލެއް ކުޅޭ ޕޫޖާ މިހެން ބުނެފައިވަނީ  އެ ސިލްސިލާގެ ލީޑް ރޯލުން ފެންނަ ޕާތު ސަމްތާން ދާދި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ.

ޕޫޖާ ބުނީ ޕާތު ޕޮޒިޓިވްވިކަން އެނގުނު ހިސާބުން ވަރަށް ހާސްވި ކަމަށާއި، ޝޫޓިންގ ގައި އުޅެނީ މާސްކު ވެސް ނާޅައި ކަމަށްވުމުން، ޕާތުއާ ޑައިރެކްޓް ކޮންޓެކްޓް ވެފައި ހުރެދާނެތީ ބިރުގަތް ކަމަށެވެ. ނަމަވެސް އެ ސެޓުގައި އުޅުނު އެންމެންގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރިއިރު، ޕޫޖާގެ ނަތީޖާ ލިބުނީ ނެގަޓިވް ކޮށެވެ.

“ނެގަޓިވްކަން އިނގުނީމަ ވަރަށް އުފާވި. އެކަމަކު އަހަރެން ވަރަށް ދެރަވޭ މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާތީ. މިދުވަސްވަރު ޝޫޓިންގ ފަށައިގެން އުޅޭތީ މީހުން އެބަ ފާޑުކިޔާ، އަހަރެމެންނަކީ ނުވިސްނޭ ބައެކޭ ކިޔާފަ. އެކަމަކު އެމީހުންނަށް ނުވިސްނޭ ތަންކޮޅަކީ މި ދާއިރާގަ މަސައްކަތް ކުރާ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފަވާ ކަމެއްކަން މިއީ. ހަމައެކަނި އެކްޓަރުންނެއް ނޫން، ޝޫޓިންގ ތައް މެދުކެނޑުނީމަ ކާންބޯން ފައިސާ ހޯދާނެ މަގު ބަންދުވެފަ އެތައް ބަޔަކު އެބަތިބޭ”، ޕޫޖާ ކިޔައިދިނެވެ.

މީގެ އިތުރުން ޕޫޖާ ބުނީ ލޮކްޑައުންއަށް ފަހު ޝޫޓިންގ ފެށުނު ފަހުން ސެޓުގައި އެންމެންވެސް އުޅުނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. “އަހަރެން ކޮންމެދުވަހަކު ގަހަނާތައް ސެނެޓައިޒް ކުރަން. އަބަދުވެސް ސެނެޓައިޒާ ބޮކްސެއް ހިފައިގެން އުޅެނީ. އަނެއްކޮޅުން ޕްރޮޑަކްޝަން ޓީމުން ކޮންމެދުވަހަކު ޤަވައިދުން ސެޓު ވެސް ޑިސްއިންފެކްޓު ކުރޭ”. ނަމަވެސް ޕޫޖާގެ ކަންބޮޑުވުމަކީ، އެކްޓަރުންނަށް ވުމުން، މާސްކު އަޅައިގެން ކެމެރާގެ ކުރިމައްޗަށް ނޭރޭނެތީއެވެ.

ކަސޯޓީގައި އަނުރާގްގެ ރޯލު ކުޅޭ ޕާތު ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އެ ސިލްސިލާގެ ޝޫޓިންގ ތައް ވަނީ އަނެއްކާވެސް މެދުކަނޑައިލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!