ޖުވެނައިލް ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެދި މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި އެވެ.
އެ ކޮމިޝަނުން ވިދާޅުވީ ގާޟީ ވިޔަފާރިކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި އެ ވިޔަފާރިން މަންފާލިބި އެކަން މާލީ ބަޔާނުގައި ހާމަކޮށްފައިނުވާކަމުގެ މައްސަލައެއް ތަހުޤީގުކުރުމަށް ކޮމިޝަނުން މިމަހުގެ 8 ވަނަ ދުވަހު ނިންމާފައިވާކަމަށެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަދުވަހު ވަނީ ގާޟީ އަބްދުލްބާރީ ޔޫސުފް ވަނީ ސަސްޕެންޑްކޮށްފައެވެ. ބާރީ ސަސްޕެންޑްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މާލީ މަންފާއެއް ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭކަމަށް ކުރެވޭ ތުހުމަތުގެ މައްސަލާގެ ތަހުޤީގުގައިކަމަށް ޖޭއެސްސީން ކުރިން ވަނީ ހާމަކުރައްވާފައެވެ.
ކުރިން ކްރިމިނަލްކޯޓްގެ އިސް ގާޟީކަންވެސް ކުރައްވާފައިވާ އަބްދުލްބާރީ ޔޫސުފް ވަނީ އެކޯޓުން ބެލި ސިޔާސީ ގިނަ ބޭފުޅުންގެ ބޮޑެތި މައްސަލަތައް ނިންމަވާފައެވެ.