މާސްކް އެޅުން މަޖުބޫރު ކުރަން އެމްއާރުއެމް އިން އެދިއްޖެ

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާނެ ކަމަަށް ބެލެވޭތީ ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމަށް އެމްއާރްއެމްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

އެމްއާރުއެމް އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީއެއްގައި ވަނީ ފުރަބަންދަށް ލުއިތަކެއް ދިނުމާ ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ކުރި އިލްތިމާސްއާ އެގޮތަށް އަމަލު ނުކުރާ ކަމީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ވެސް އެމްއާރުއެމްގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

“މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި ގޮތަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ދެކެމެވެ.” އެމްއާރްއެމް ސިޓީގައިވެ އެވެ.

“މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރުވެސް، ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ސަފުހެދުމާއި އެންމެން މާސްކު އަޅައިގެން އުޅުންވެސް މަޖުބޫރު ކޮށްދެއްވުން އެދެމެވެ. މައްކާ މަދީނާގައިވެސް، އަދި އެހެން އިސްލާމީ ގައުމުތަކުގައިވެސް މިވަގުތު އަމަލު ކުރަމުންދަނީ މި އުސޫލުންނެވެ.” ސިޓީގައިވެ އެވެ.

މިއީ ފުރަބަންދަށް ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތެއް ކަމަށް ސިޓީގައިވެއެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހެދުމަށް ސިޓީގައި އެދިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!