8 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު އަށް ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މީދޫ ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމި ޢާއިޝަތު ޝޫޒާ، ކުދިމާވިލާ / ސ. މީދޫ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އަދި ކ. ތުލުސްދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމި ޙުސައިން އަރްޝަދު އާއި ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމި ނަސްރީނާ މޫސާ ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ބުނެއެވެ.

މީގެއިތުރުން ނ. މަގޫދޫ ކައުންސިލްގެ މެންބަރު އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމި ޖަޢުފަރު ޢަލީ އާއި ލ. އިސްދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމި އިބްރާހީމް ޙަމީދު އާއި ގއ. ނިލަންދޫ ކައުންސިލްގެ މެމްބަރު ކަމަށް އަމިއްލަގޮތުން ވާދަކުރުމަށް ނިންމި ނަދީމް އަޙްމަދު ވެސް ނަން އަނބުރާ ވަނީ ގެންގޮސްފައެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ނިންމި ދެ ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ބުނެއެވެ.

އެ ދެ ކެންޑިޑޭޓުންނަކީ ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމި ޢާއިޝަތު ޞަޠުމާ އާއި ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމި އާމިނަތު ރަޙީމާ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!